ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ފަރާތެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން މިހެން ވިދާޅުވީ އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައިދިނުމަށް އެދި އޭނާގެ އާއިލާގެ ފަރާތުން ފޮނުއްވި ސިޓީގެ ޖަވާބުގައެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއަށް ކަރެކްޝަންސް އިން ފޮނުވާފައިވާ ސިޓީގައި ވަނީ އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ފަރާތެއް ކަމަށް ކަނޑައަޅާފައިނުވާތީ އެކަން ހަމަޖައްސައިދެވެން ނެތް ކަމަށެވެ. އަދި އެހެން ގައިދީނެކޭ އެއްފަދައިން އަދީބަށް ވެސް މަހަކު އެއް އާއިލީ ބައްދަލުވުން ލިބޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ފަރާތެއް ނޫންކަމަށް ކަނޑައަޅާފައިވާއިރު އަދީބުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދިފަހުން ވަނީ އޭނާއާ ބައްދަލުކޮށްފައެވެ.

އެޗްއާރްސީއެމް އަށް އަދީބު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބޭސްފަރުވާ އާއި ޖަލުގެ ހާލަތާއި އާއިލީ އަދި ވަކީލުންގެ ބައްދަލުވުމާ ގުޅޭ މައްސަލަ ހިމެނެއެވެ.

މިހާރު ވެސް 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ގިނަ މައްސަލަތަކެއްގެ ޝަރީޢަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން ގެންދެއެވެ.