ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މީހަކު ނިޔާނުވެ 16 ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރު ހަމަވެއްޖެއެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު މެއި މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑްގައި މީހަކު ނުވެ އެންމެ ފަހުން ރާއްޖޭގައި 24 ގަޑިއިރު ހޭދަވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ކޮވިޑް ޖެހިގެން މީހުން އައީ ނިޔާވަމުންނެވެ.

ނަމަވެސް އިއްޔެ އިރުއޮއްސި 18:00 އަށް ފަހު އަދި މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވެފައެއް ނުވެއެވެ.

ފާއިތުވި ދެހަފްތާ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހު 13 މީހަކު ނިޔާވިއެވެ.

ކޮވިޑް ޖެހިގެން 16 ދުވަސް ތެރޭގައި ރާއްޖެ އިން 70 މީހަކު ނިޔާވިއެވެ. މެއި މަހު ނިޔާވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 158 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ހުޅުމާލޭ ފެސިލިޓީންނެވެ. އެންމެ ގިނަ ކޮވިޑް ބަލި މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެސް އެތަނުގައެވެ. ނަމަވެސް ހުޅުމާލޭ ފެސިލިޓީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މެއި މަހަކީ ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި މަހެވެ. މެއި މަހު އެކަނި ވެސް 33851 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 24205 އަށް އަރައެވެ. އޭގެ ތެރެއިން 218 މީހަކު ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މިހާރު ވަނީ މަދުވާން ފަށާފައވެެ. ފައްސިވާ މީހުންގެ އަދަދު މަދުވާން ފަށާފައި މިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުއްދަ އޮވެގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން މާލޭގައި ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މީ

    އަލްހަމްދު ލިﷲ

    16
  2. ގޯނި

    ٱلْحَمْدُ لِلَّٰهِ

    15
  3. رنا

    الحَمْدُ ِلله الحَمْدُ ِلله
    الحَمْدُ ِلله

  4. ސައްޕޭ

    ٱلْحَمْدُ لِلَّٰهِ

    11
  5. އަހުމަދު

    އަލްހަމްދު ލިއްލާހި

  6. ނަރުގިސް

    ٱلْحَمْدُ لِلَّٰهِ

  7. ޏަމްޏަމް

    މަރު އިތުރުވެ ދިއުމުގެޒިމްނާ ނަގާނެ މީހަކު ނެތް އިހުމާލެއްކަން މިއިން އެގޭ ނޫން ބާ ؟ކިތައް މީހުން ހިވަފަތްވީ ކިތައް ކުދަކުދިން ބިކަހާލުގެ ޖެހުނީ ކިތައް މީހުމް ގެ ފުރާނަ ގެއލުނީ ހިތާމައިގެ ކޮޅެއްނެތި މަރުހޫމުންނަށް ސުވަރުގޭ ގެ ނިޢުމަތައްް އެދެން އާމީންްްް