ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީއާއި ސަލާމަތީ ސިއްރު މައުލޫމާތުތައް ނޫހަށް ދިން މައްސަލައަށް ބަހުސް ކުރަން މަޖިލީހުގެ ރިޔާސަތުން ހުޅުވާލައިފިއެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި އެ މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލާ ކަމަށެވެ. އެއަށް ފަހު މެންބަރުން ވަނީ ބަހުސަށް ފުރުސަތު އެދިވަޑައިގެން އެ މައްސަލައާ ގުޅޭ ގޮތުން މެންބަރުން ވާހަކަ ދައްކަވަން ފަށްޓަވައިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މުހައްމަދު ނަޝީދު ވަޑައިގެންނެވި ފަހުން، މިފަދަ ޚައްސާސް މައްސަލަތާކައި ސިޔާސީ ބަހުސް ހިމެނޭ މައްސަލަތަކުގައި، ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި މެންބަރުން ޚިޔާލު ފާޅު ކުރެއްވުމަށް ވަރަށް ގިނައިން ފުރުސަތު ދެއްވާފައިވެއެވެ. ނަމަވެސް މީގެ ކުރިން މިގޮތައް ރިޔާސަތުން މައްސަލަތަކުގެ ބަހުސެއް ކުރިއަކަށް ނުގެންދެއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެ ދިން ހަމަލާއާ ގުޅޭ ގޮތުން ވެސް މެންބަރުން ޚިޔާ ފާޅު ކުރެއްވުމަށް މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފުރުސަތު ދެއްވާފައިވެއެވެ.

"މިހާރު" ނޫހުގައި ޝާއިއު ކުރި ރިޕޯޓާ ގުޅިގެން 241 ކޮމިޓީން އެ މައްސަލަ ބަލަމުންދާ ކަން މަޖިލީހުގެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ. މި ކަމާ ގުޅިގެން ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ދިވެހި ނޫސްވެރިން ތަމްސީލް ކުރައްވާ ޖަމްއިއްޔާތައް ކަމުގައިވާ އެޑިޓާސް ގިލްޑްއާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އިތުރުން މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަގުތު" އަށް ވިދާޅުވި ގޮތުގައި އެ ކޮމިޓީން ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދުމަށް ނޫސްވެރިޔާ ހާޒިރުކޮށް އަދި ނޫސްވެރިޔާގެ މައްސަލަތައް ބަލަމުން ދާން މަސައްކަތް ނުކުރެއެވެ. އެ ކޮމިޓީން މަސައްކަތް ކުރަނީ އެފަދަ ސިއްރުތައް ލީކު ކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާނީ

    ތި މީހުން ވ މޮޅުވާނެ... ނޫހަށް މައުލޫމާތު ދިން މަސްދަރު ނުހޯދާނަމޭ ކިޔާފަ، އެންމެފަހުން އެވެސް ހޯދާނެ.. މި މީހުން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއްވެސް ކުރާނެ.. ވ ސަލާން

  2. އަންނި

    މުޅި އޮޑީގައި އަންނި، ދެން މަޖްލިސް އަށް މެންބަރުން ހޯވާނީ އަންނި، އަންނިގެ ވާހަކަ ނޫނީ ނުދެއްކޭ މެމްބަރުން، ހީވަނީ އަންނި އަށް ހިދުމަތް ކުރާ މަޖްލިސް އެއްހެން މީ......