ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސެކުއިރިޓީ އާއި ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތަކެއް ނޫހަށް ދީފައި ވަނީ ސިޔާސީ ބޭފުޅެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީ އާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ނޫހަށް މައުލޫމާތު ދެއްވި ބޭފުޅާގެ ވާހަކަތަކުގެ އިބާރާތްތައް ހުންނެވި ގޮތުން އެއީ އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާ ސިފައިންގެ ބޭފުޅަކަށް ވުރެ ބޮޑަށް ޑިފެންސް މިނިސްޓްރީގައި ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ނުވަތަ އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތު ދެއްވަން ހުންނެވި ބޭފުޅަކު ކުރެއްވި ކަމެއްގެ ގޮތުގައި މާ ބޮޑަށް ބެލެވޭ ކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން [މަޖިލީހުގައި އާއި ސަރުކާރުގައި] އިންކުއަރީއެއް ހިންގަމުން އެބަދޭ، މިފަދަ މައްސަލައެއް [ތަހުގީގު] ގޮސް ގޮސް ހުއްޓައި، މިކަހަލަ މައުލޫމާތުތަކެއް ލީކްކޮށްލުމުގެ އެންމެ ބޮޑު ބޭނުމަކީ އިންކްއަރީއަށް ނުފޫޒު ފޯރުވުން. މި ކަން ކުރީ ސިޔާސީ ބޭފުޅަކު ނޫނީ ސިޔާސީ ކުލަ ހުރި މީހަކު ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، މިފަދަ މައްސަލަތަކާ ގުޅިގެން އަސްކަރިއްޔާގައި މަސައްކަތް ކުރައްވާ ސިފައިންގެ ބޭފުޅުން ބަދުނާމުކޮށް ވާހަކަތައް ދެއްކުމުން މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ. އަދި އެ ކަން ހައްލު ކުރަން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ދަށުގައި ހުންނެވި ބައެއް ކޮމާންޑަރުން ބަދަލުކޮށްގެން ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިހުމާލުތައް އޮތް ކަމަށް ދެކެވޭ ވާހަކަތައް ފާހަގަކުރައްވައި އެ ކަމާ އެއްވެސް ފިޔަވަޅެއް ނޭޅި ލަސްވާތީ ވެސް އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ އެތައް މައުލޫމާތެއް ހިމެނޭ ރިޕޯޓެއް ނޫހުގައި ކޮށްފައި މި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށް ސަލާމަތީ ޚިދުމަތްތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.