ސްކޫލުތައް ޑިޖިޓައިޒްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ދަރިވަރުންނާއި ޓެބްލެޓް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ދަރިވަރުންނާއި ޓެބްލެޓްތައް ހަވާލުކުރުން ފެށިގެން ކުރިއަށްދާއިރު، ބެލެނިވެރިންނާއި ދަރިވަރުން މި ޕްރޮޖެކްޓަށް އަހުލުވެރި ކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައިވެސް މިހާރު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ތަޢުލީމުގެ ތެރެއިން، ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި، ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެގޮތަށް ތަޢުލީމީ ދާއިރާ ބަދަލު ކުރުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ޓީޗަރުންނަށް ދޭންޖެހޭ ޓެބްލެޓްތައް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އެގޮތުން 8 ހާހަށްވުރެ ގިނަ ޓެބްލެޓް ޓީޗަރުންނާއި ހަވާލުކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓް ހަވާލުކުރެވިގެންދާނެއެވެ.

21 ވަނަ ގަރުނަށް ފައްކާކުރެވިފައިވާ ދަރިވަރުން ތައްޔާރުކުރުމަށް، ކިޔަވައިދިނުމުގައި އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއެކު ޓެބްލެޓް ބޭނުންކުރަންފަށާއިރު، މި ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމްރީނުތައް ކާމިޔާބުކަމާއެކު ދެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން މިކަމަށްޓަކައި، ޓީޗަރުންނަށް އަމާޒުކުރެވިގެން ހިންގުނު ލެވަލް 1 އަދި 2 ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުންވެސް ވަނީ ފުރިހަމަ ކޮށްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމަށް ނިންމުމާއި ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލްތަކުގެ ނެޓްވާރކު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.