ހިފަހައްޓާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ޕާސްޕޯޓް މިއަދު ދޫކޮށްލައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފެހެއްޓި ތިން މެމްބަރުންނަކީ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

މި ތިން ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލީ މި ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން މި ތިން ބޭފުޅުންގެ މައްޗަށް ދައުވާނުކުރަން ޕީޖީ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެ އުޅުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ވަނިކޮށް, މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މި މައްސަލައާ ގުޅިގެން މި ތިން ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެކި ފަހަރުމަތިން މި ބޭފުޅުން ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައިވެސް ވެއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުގެރޭ "ހުއްޓުވާ" ގެ ނަމުގައި މާލޭގައި މުޒާހަރާ އެއް ކުރިއިރު މި މުޒާހަރާގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލާފައެވެ.