ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު ހަތަރު މީހަކު ނިޔާވެއްޖެއެވެ.

މީގެ ތެރެއިން ތިން މީހަކު ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ. ހަތަރު ވަނަ މީހަކު ނިޔާވެފައި ވަނީ ބ.އަތޮޅު އޭދަފުށީގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ.

އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ރ.އަތޮޅު ހުޅުދުއްފާރު މީހެކެވެ. އޭނާ ނިޔާވީ ރޭ ފަތިހު 04:40 ގައެވެ.

މިއަދު ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ މައުލޫމާތު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިއަދަކީ މެއި މަހުގެ 25 ވަނަ ދުވަހަށް ފަހު ކޮވިޑް ޖެހިގެން ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު ނިޔާވި މީހުންނާއިއެކު ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 165 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު