ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ނައިބު ރައީސުން އިންތިޚާބު ކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، މޭޔަރުންނާއި ކައުންސިލް ރައީސުން އިންތިޚާބު ކުރީ ސީދާ ރައްޔިތުންގެ ވޯޓުންނެވެ. ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލް ނައިބު ރައީސުން އިންތިޚާބު ކުރުން އޮތީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އާންމު ގޮތެއްގައި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި މި މަގާމު އިންތިޚާބު ކުރިޔަސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެފައި އޮތުމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި، ބައެއް ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުން ވަނީ އިންތިޚާބު ނުކޮށެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރަން އެލްޖީއޭއިން އަންގާފައިވާ ކަމަށާއި އެ ތާރީޚުގެ ކުރިން ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުން އޮންނާނެ ކަމަށެވެ.

އެކަމަކު، މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރަން އޮންނަ ސީދާ ތާރީޚެއް މޭޔަރު ވިދާޅެއް ނުވެއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ހަތަރު ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެއެވެ. އެއީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ ޢަލީއާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚާލިދު،

    މިފަހަރު ޕީޕީއެމް މެންބަރުން މާޔޫސްވާނެ. ލީޑަރ ޖެހޭތޯ މިފަދަ އާދައިގެ ކަންކަމާއި މެދު ވަކި ގޮތަކަށް ބަސްކިޔަން. . ޕާޓީއަކީ ހުރިހާ މެންބަރުން އެއްބަސްވާ އޮރގަނައިޒޭޝަނެއް. ބޮސް އިޒް ނޮޓް އޯލްވޭސް ރައިޓް. . ސިޔާސީގޮތުން މާބޮޑަށް އިޚްލާސްތެރނޭ ކިޔާ އުޅޭމީހުން ދޭނީ ލަނޑު. 20223 ވަނީ ދުރުގަ.. ؛ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ބަހުސްއެއް ނެތް. ޕާޓީގެ ނިންމުން ނިންމާފަ ވަނީ. އެއީ ރ.ޔާމިން. . އެކަމަކު މިފަހަރު ބޮސްގެ ޗޮއިސް ވާނީ ބޮޑް ވިހައަކަށް. ގްރާސް ރޫޓްގެ ތާއީދެއްނެތޭ ކިޔާ އެބަގޮވާ.. ތިޔަ ޗޮއިސް އަކަށް. .

  2. ވަހަބު

    ތިޔަ 4 ބޭފުޅުންނަކީވެސް މަޤާމަށް ޤާބިލް ހިތްވަރުހުރި ބޭފުޅުން! ގިނަމީހުން ތައީދުކުރާ އެކަކު ހޮވޭނެ! ދެން ތިބި މީހުން ވޯޓަށް އިޙްތިރާމްކުރީމާ އެ ނިމުނީ! ހެޔޮ ވިސްނުން ދެއްވާށި! އާމީން