ލާދީނިއްޔަތުގެ ނުފޫޒު ހުރި ގާނޫނަކުން ވުޖޫދު ވާނީ ޚުދުމުޚްތާރު ނިޒާމެއް ކަމަށާއި އެ ގާނޫނުތައް ވުޖޫދުން ފޮހެވިގެންދާނެ ކަމުގެ އިންޒާރު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ދެއްވައިފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އެ އިޝާރާތް ކުރައްވަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން އެއީ ގާނޫނީ ކުށެއް ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ "ލާދީނީ މީހުންނަށް ހިމާޔަތް ދިނުމަށް" ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލެކެވެ.

ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނިއްޔަތުގެ ނުފޫޒުގައި ޖެހިފައި ތިބި އިސްލާމޮފޯބްސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ދުސްތޫރީ ހަމަތާކާ ޚިލާފަށް ހުށަހަޅާ އަގެއް ނެތް ބިލްތަކުން އުފެދޭ ގާނޫނުތަކަކީ ޚުދުމުޚްތާރު ނިޒާމާއެކު ވުޖޫދުން ފޮހެވިގެންދާނެ ގާނޫނުތަކެއް ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާ ގުޅިގެން އެއީ "ލާދިނިއްޔަތު" ރާއްޖޭގައި ފަތުރަން ފުރުސަތު ލިބޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ސައްތައިން ސައްތަ މުސްލިމުން ތިބި އިސްލާމީ ދައުލަތެއް އޮތް ރާއްޖެއަކީ "ދީނީ މިނިވަންކަން" އޮތް ދައުލަތަކަށް ބަދަލު ކުރުމަށް ސިޔާސީ ބައެއް ބޭފުޅުން "އަޑީގައި" ތިބެގެން މަސައްކަތް ކުރާ ކަމުގެ އަޑަކީ އަބަދުވެސް ފެތުރެމުންދާ އަޑެކެވެ.

އެމްޑީޕީގެ އިސް ލީޑާޝިޕަށް ވާދަވެރި ޕާޓީތަކުން އެންމެ ބޮޑަށް އަމާޒު ކުރާ ތުހުމަތަކީ ވެސް "ސެކިއުލާ ދައުލަތަކަށް" ރާއްޖެ ބަދަލު ކުރުމަށް އެ ޕާޓީގެ ލީޑާޝިޕުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެކަމަކު އެއީ އެ ޕާޓީން އަބަދުވެސް ދޮގު ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާ ވަންތަ ކެހެރިނުފަޅަ ޖަނަވާރު

    މިހާރު މިގައުމު ގާ ދޫ ކޮލުން ބޭރުނުވެ އޮތުމުގެ ހުރަހަކީ ބުރިޖު.

  2. ކާފަބޭ2020

    ދީދީމެންގެނަސްދެއްވި ބަރަކާތްތެރިވެރިކަން ނިމެންދެންއެގާނޫނުދެމިއޮންނާނެ ބަޅާސާހަބުހުރީ ކިތަންމެބޮޑު ޚަރަދެއްކޮށްގެންވެސް އެޖެންޑާ19ފުރިހަމަކުރުވަން!

  3. .....

    ރައްޔިތު މީހާ އެގޮތަށް ހުކުމް ނެރޭ ހިސާބަށްދާނީ ވެރިންގެ ލައްކަ އިހްމާލުތަކުގެ ސަބަބުން...އެކަން ކަން ބަލާ ފިޔަވަޅު އެޅުމަށާއި ދީނުން ބޭރުވާ އަމަލެއް ކޮށްފި މީހާ ކުފުރު ވެއްޖެތޯ ނުވެއްޖެތޯ ބެލުމަށް
    ރައްޔިތުންގެ ފަރާތުން ކަނޑައެޅިފަ ތިބި މީހުން ނުކުރީމަ ދެން އެންމެ އާދައިގެ މީހާއަށްވެސް އެކަން ކުރަން އެބަޖެހޭ ދޯ...އެއީ ދީނުގެ އުސޫލުތައް ހުރިގޮތް....ތިމާމެންގެ ކުށް ދިފާއުކުރަން ކިތަަންމެ ގާނޫނެއް ހަދާ އެއަަށް ތަބާވާން މަޖުބޫރު ކުރިޔަސް އަދި އެއާއި އެކު ބަޑި ން ބިރު ދެއްކިޔަސް ކުށެއް އެއީ ކުށެއް ނޫން ކަމަކަށް ނުވާނެ....