އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ނިރުބަވެރިކަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އެ އޮޕަރޭޝަންގައި އަށް މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުން އަލުން މުރާޖައާ ކުރަން ކޯޓަށް ހުށަހެޅުމުން ކޯޓުން ނިންމީ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު "ވަގުތު" އަށް ވިދާޅުވީ، މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ހައި ކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުގެ ވަގުތެއްގައި [އިސްތިއުނާފް ކުރަން] ސަބްމިޓް ކުރާނެ ހައި ކޯޓަށް،" ޝަމީމް ވިދާޅުވިއެވެ.

އައްޑޫގައި ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަނެއް ހިންގާފައި މިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށާއި ސިފައިންގެ އިންޓަލިޖެންސަށް ލިބުމާ ގުޅިގެން ކަމަށްވެއެވެ.

ނިރުބަވެރި ވިއުގަތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުތަކުގައި ބަޔަކު ހައްޔަރު ކޮށްފައި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ.

މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، ހަރުކަށި ފިކުރާ ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ހައްޔަރުކޮށްފައިވެއެވެ. އައްޑޫ ސިޓީން އަށް މީހަކު ވެސް ހައްޔަރު ކޮށްފައި ވަނީ އެ ހަމަލާއަށް ފަހު ފުލުހުން ފެށި އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.

އައްޑޫއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ބޮޑެއްގެ ގޮތުގައި ހިމެނޭ އަހުމަދު ނާހިދު ޖަމާލް 31، ހިމެނެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް އާންމުންގެ ކިބައިން އަދިވެސް ފުލުހުން އެދޭ ކަމަށެވެ. އެ މައުލޫމާތުތައް ހިއްސާ ކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކޮށްދޭނެ ކަމުގެ ޔަގީން ކަން ފުލުހުން ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ކިހާ ދުވަހެއްގެތެރޭ ތިޔަކަމެއް ވާނެބާވޭ ހިތައްއަރަނީ ، ތިޔަބުނާ މީހުން އަނެއްކާވެސް ކަމެއް ރާވާ ބަޔަކު ހަނާވާ ފަހުންތޯ ،ތިޔަބުނާ އިސްތިއުނާފް މައްސަލަ ކުރިޔައް ގޮސް އެމީހުން ހަތްޔަރު ކުރެވޭނީ.

    މިއޮތީވާ ސަރުކާރެއް ، މަގުމަތީގައި މިގެންގުޅޭ ބޮޑު ކަރީނާ ކާރަކައް ވުރެ މިސަރުކާރު ގެ ހާލަތުގޯސް