ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި އަނަސް އަބްދުލް ސައްތާރު އިސްތިއުފާ ދެއްވައިފިއެވެ.

ބާ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، އަނަސް އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. ބާ ކައުންސިލްގެ އެކްސްކޯގައި އަނަސް ކޮށްދެއްވި ޚިދުމަތްތަކަށް ބާ ކައުންސިލުން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ބާ ކައުންސިލްގެ އެކްސްކޯއިން އަނަސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެއެވެ.

ބާ ކައުންސިލްގައި އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވިއިރު، މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަނަސް ވަނީ އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައިފައެވެ. އަނަސްއާ ވާދަކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑރ. މުހައްމަދު މުއިއްޒެވެ.

ބާ ކައުންސިލްގެ އެކްސްކޯގައި ތިއްބަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަ މެންބަރުންނާއި އެކްސްކޯގެ ރައީސްގެ އިތުރުން ބަންޑާރަ ނައިބެވެ. އަނަސްއަކީ ކައުންސިލްގެ އެކްސްކޯގެ ފުރަތަމަ އިންތިޚާބުގައި އިންތިޚާބުވި ގާނޫނީ ވަކީލެކެވެ.

މިދިޔަ އަހަރުގެ ހާޒިރީ ބާ ކައުންސިލުން އާންމު ކުރިއިރު، ކައުންސިލްގެ އެކްސްކޯ ބައްދަލުވުންތަކުގެ ހާޒިރީގެ އެންމެ ފުލުގައި އޮތީ އަނަސްގެ ނަމެވެ. އަނަސް ހާޒިރު ވެފައި ވަނީ ބޭއްވި 49 ބައްދަލުވުމުގެ ތެރެއިން އެންމެ 12 ބައްދަލުވުމަށެވެ.

2019 ގައި އުފެއްދި ބާ ކައުންސިލަކީ ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުމާއި، ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމާއި، ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމުގެ މެންޑޭޓް އޮންނަ ކައުންސިލެވެ. ގާނޫނީ ޚިދުމަތުގެ ދާއިރާ ތަރައްގީ ކުރުމާއި، ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިޚާބު ކުރުމާއި، ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާ ބެހޭ ގަވާއިދު ހެދުމަކީ މި ކައުންސިލްގެ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަސދަސ

    12/49 ވީމާ ނަސީބެއްނުން މިސޮރު މޭޔަރުކަމަށް ނުހޮވުނުކަން.
    ކިހިނެއް މާލެގެ ރައްޔިތުންގެ ޑިމާންޑްތަކަށް މަސައްކަތްކުރާނީ. އެހިތްވަރު ކުރިންވެސް ދެއްކިނަމަ ކާމިޔާބުވީސްކަންނޭނގޭ.
    މިކަހަލަ މީހުންނަށް އެއްވެސް ފުރުސަތެއް ދޭނެކަމެއްނެތް.