ސަރުކާރުގެ އެކިއެކި ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ގާނޫނު އުވާލަން ހުށަހެޅި ބިލު ދިރާސާކޮށް އެ ގޮތަށް ބިލު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީސް ހިމެނޭ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މި ބިލު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ. މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ އެ ގާނޫނު އުވާލުމަށެވެ.

"އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނަކަށްވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ހިނގާ ހަރަދާއި އަޅާބަލާ އިރު ލިބޭ އާމްދަނީއަކީ ވެސް އެކަށީގެންވާ އާމްދަނީއަކަށް ނުވާ ކަމަށް ބުނެއެވެ.

އެ ގާނޫނުގެ ދަށުން ނަގަމުން އައި ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ނަގާ ފީ އާއި އެނޫން ވެސް ފައިސާގެ ޒަރިއްޔާ އިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށް ވެސް ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައިވެއެވެ.

މީގެ އިތުރުން، މި ގާނޫނުގެ ސަބަބުން އާންމުން އަދި ވިޔަފާރިވެރިންނަށް ވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ސަބަބުތަކާ ހެދި، ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގުސަދުގައި ބިލް ހުށަހެޅީ ކަމަށް ވެސް އޭގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަބްދޫ

  ދަވްލަތުން އާންމުރައްޔިތުންނަށް ދޫކުރާ ލިއުންތަކުގެ ރަސްމީ ހައިސިއްޔަތު ކެނޑުނީތަ؟

  • ކކ

   ދައުލަތުން ދޫކުރާލިޔުމަކު ރެވެނިއު ސްޓޭމްޕެއް ނުޖަހާ.ދައުލަތުގެ މުއައްސަސާތަކަށް ހުށައަޅާ ފޯމް ތަކުގަ ރެވެނިއު ސްޓޭމްޕް ޖަހަނީ.

  • ގޮފަޅާ

   ރަސްމީހައިސިއްޔަތު އިންނާނެ މުއައްސަސާގެ ތައްގަނޑު