ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް މިހާރު އޮތް ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސްޕޮންސަ ކުރެއްވި އެ ބިލް ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާ އަށް ކަންތައްތަކެއް އިތުރު ކުރަން ހުށަހަޅުއްވާފައިވެއެވެ.

އެ ބިލަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވީ ބިލް މިހާރު ޑްރާފްޓްކޮށްފައި އޮތް ގޮތަށް ފާސް ކުރުމަށް ތާއީދު ނުކުރެވޭ ކަމަށެވެ. މި ބިލް އޮތް ގޮތުން ކަންކަން ވަރަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އުޝާމް ވިދާޅުވިއެވެ.

"ބިލް މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، މި މީހާއަކީ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ބުނުން ވެސް ކުށަކަށް ވެދާނެ،" އުޝާމް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާ އަށް އިތުރު ކުރި މާއްދާތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް ނުވަތަ އިސްލާމް ދީނާއި ހިލާފު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވެއެވެ.

އޭގެ ފަހުން އަންނަނީ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި ވަކި މީހަކާއި މެދު ނަފްރަތު އުފެއްދުމާއި، އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގެ ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅައި ދިނުމަށެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

މީގެއިތުރުން އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އަދި މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފައިވެއެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެހެންކަމުން އެ ކުށް ސާބިތުވާ މީހެއްގެ މައްޗަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ދިވެހިން އެބަޖެހޭ ޢިލްމު އުގެނި ދަސްކުރަން، ޖާހިލް ކަން ނަފުސުން ފިލުވާލަން، ޖާހިލު ކަމަކީ ކޮވިޑަށް ވުރެންވެސް ނުރައްކާއެއްޗެއް އިލްމާއި ހިލްމު އެއީ މީހާ ކުރިޔަށް ގެންދާނެ ހަމައެކަނި ވަސީލަތަކީ ﷲ ގެ ވާޤިފުޅާއި އެކު !

    4
    1