ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިއަދު ފަސް ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 88 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާ އެކު ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 166 އަށް އަރައިފައެވެ.

މިއަދުގެ މިހާތަނަށް އައިއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީން ތިން މީހަކު އަދި ބ. އަތޮޅު ކޮވިޑް ފެސިލިޓީން އެކަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ.

ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭދަފުށީ ފެސިލިޓީން ނިޔާވި މީހަކީ އެތަނުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. މީގެ ކުރިންވެސް ބ.އަތޮޅުން ތިން މީހަކު ކޮވިޑް ބަލީގައި ނިޔާވިއެވެ. އެތިން މަރު ވެސް ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހުން ނިޔާވެގެން ހެދި ޓެސްޓްގެ ނަތީޖާ ކޮވިޑަށް ފައްސިވެގެންނެވެ.

މިދިޔަ މަހަކީ ކޮވިޑް-19 ގެ ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެ އިން ނިޔާވި މަހެވެ. މެއި މަހު 88 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވެއެވެ.

މެއި މަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ނިޔާވީ މޭމަހުގެ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 އިންތިހާ އަށް ފެތުރި، ނުރައްކާ ބޮޑުވެފައިވާ އިރު، ކޮވިޑްގެ ވޭދަނަތައް މަދު ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަަހައްދުގައި މިހާރު ބޭރަށް ނުކުމެވޭނީ ފުލުހުންގެ ހާއްސަ ހުއްދައެއް އޮވެގެންނެވެ. އަދި ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    އެޗް.ޕީ.އޭ އިން މީހުން މަރު ނުވެެގެން އުޅެނީ ކޮވިޑް ޖެހޭ މީހުންނަކީ ކުއްވެރިން ކަމުގައި ހަދައިފި އެމީހުން އަސާސީ ހުރިހާ ކަމަކުން މަހުރޫމު ވާގޮތައް ކަންތައް ކުރަން ފަށައިފި އަހަރުމެންވެސް ކި
    ޚޮވިޑް ޖެހިގެން މާލޭގައި ތާށިކޮށްފަ ހަދާނެ އެއްޗެއް ހަދަނީ އެއްވެސް ވަރަކަށް ރައްޔިތުންނާއި ދޭތެރޭ ނުވިސްނާ ބައެއް ސަރުކާރުން ހަދަނީ ހަދާނެ ގޮތެއް އަހަރުމެން ރާއްޖެތެރޭ ބީރައްޓެހިން މާލެ އައިސް ދުވަހު ކުއްޔަށް ކޮޓަރިތަކުގައި ކިހިނެއް އުޅޭނީ ރަށަށްދާން އެތައް ފަހަރަކު މެއިލް ކުރީމަވެސް ޒަރޫރީ ކަމެއް ކަމަކަށް ބެލެވޭނެ އެއްވެސް ގޮތެއްނެތް މާލެ މަގުމަތީގައި ސަލާން ޖަހަން ނިކުތީމަވެސް ޒަރޫރީ ކަމެއް އޮތްކަމަކަށެއް ނުބެލެވޭ މިއީ ބޮޑުވަރު