ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 14 ގަޑިއިރު ތެރޭގައި ރާއްޖެ އިން މިއަދު ހަ ވަނަ މީހަކު ނިޔާވެ، ބިރުވެރިކަން ބޮޑުވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ އައްޑޫ އަށް އުފަން މީހެއް ކަން ވެސް އެނގިފައިވެއެވެ.

މިއާ އެކު ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 167 އަށް އަރައިފައެވެ.

މިއަދު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކު ނިޔާވީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ އައްޑޫ އަށް އުފަން މީހާގެ އިތުރުން އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި ފިރިހެނަކާއި 59 އަހަރުގެ ދިވެހި އަންހެނެކެވެ.

ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭދަފުށީ ފެސިލިޓީން ނިޔާވި މީހަކީ އެތަނުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ.

ކޮވިޑް ބަލީގައި އިއްޔެ ތިން މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ. އެކަމަކު، އޭގެ ކުރީ ދުވަހު މި ބަލީގައި އެއްވެސް މީހަކު ވަކިވެފައެއް ނުވެއެވެ.

މިދިޔަ މަހަކީ ކޮވިޑް-19 ގެ ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެ އިން ނިޔާވި މަހެވެ. މެއި މަހު 88 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވެއެވެ. މެއި މަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ނިޔާވީ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ޖޫން މަސް ފެށުނު އިރު، ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމަކީ ރާއްޖޭގެ ހާލަތު އަދިވެސް ނުރައްކާތެރިކަން ހާމަކޮށްދޭ ކަމެކެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ކޮވިޑްގެ ވޭދަނަތައް ދުވަހެއް ދުވަހަކަށް ދަށަށް ދިޔަ ނަމަވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު މަދުވާން އަދިވެސް ދުވަކޮޅެއް ނަގާނެއެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަމުންދާ ގޮތުގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކޮވިޑުން ދިފާއުވުމަށް އެއްވެސް ވެކްސިނެއް ނުޖަހާ މީހުންނެވެ. ނަމަވެސް ވެކްސިންގެ އެއް ޑޯޒާއި ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ބައެއް މީހުން ވެސް މި ބަލީގައި ނިޔާވެފައިވެއެވެ.

ސިއްހީ ހިދުމަތްތެރިން ލަފާ ކުރާ ގޮތުގައި ކޮވިޑް ބަލީގައި މިހާ ގިނަ ބަޔަކު ފައްސިވެ، ނިޔާވަނީ ކޮވިޑްގެ އާ ވޭރިއަންޓުތަކެއް ރާއްޖޭގައި ފެތުރޭތީ ކަމަށް ބެލެވެއެވެ. އެކަމަކު، މިހާތަނަށް އައިއިރު އެއީ ކޮން ވޭރިއަންޓެއް ކަމެއް ދެނެގަނެވިފައެއް ނުވެއެވެ. ރާއްޖޭގައި އުޅެނީ ކޮވިޑްގެ ކޮން ވޭރިއަންޓެއްތޯ ޓެސްޓް ކުރުމުގެ މަސައްކަތް ކުރާ އިރު، މިހާތަނަށް އައިއިރު ނަތީޖާ ލިބިފައެއް ނުވެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް މާލެ ސަހަރައްދުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

މީގެއިތުރުން ކޮވިޑްގެ ހާލަތު ގޯސް ރަށް ރަށުގައި ވެސް ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު

    މިނިސްޓަރު ނަސީމް އިސްތިއުފާ

    35
    2
  2. އައިމަން

    ވޭރިއަންޓް ނޭގިގެންތަ ނޫނީ އިންޑިއާ ވޭރިއަންޓޭ ބުނަން ނު ކެރިގެންތަ.

    40
    1
  3. ޢާހި

    ޥޭރިއަންޓް ތަކަށް ނަން ދޭން އުޅެނީ. ޔޫކޭ ވޭރިއެންޓަށް ރޮބިން ނުވަތަ އަލްފާ އޭ ކިޔަނީ! ޢިންޑިޔާ ވޭރިއެންޓަށް ގައްމާ ނުވަތަ ކޮންމެވެސް ދޫންޏެއްގެ ނަމެއް!

    11
    1
    • ލޮލް

      ގެރި ވޭރިއެންޓް

    • ރަނާ

      މޯދީ ކީމަ ރަގަޅު ވާނެ

  4. މަ

    ރާއްޖޭގައި ކޮވިޑްގަ މަރުވާ ފިރިހެނުން ގިނަހެން ހީވޭ އަންހެނުންނައްވުރެ
    މީއަޅެ މަށަށް އެކަނި ހީވާގޮތެއްތަ

  5. ވާދާކަރޯ

    ނަސީމު އިސްތިއުފާ ވެކްސިން ނެތިގެން ދެވަނަ ޑޯޒް ނުޖަހައި އެތައްބަޔަކު އެބަތިބި އެ ރައްޔިތުން ބިރުން ދުވަނީ ކޮންމެ ޤައުމަކުންވިއަސް ވެކްސިން ގެންނަން ޖެހޭ ޙާލަތައް މިއޮއްދަނީ ނަސީމު ޒާތީވާނެކަމެއްނެތް