އާބާދީގައި 2000 މީހުން ހަމަވާ ރަށްރަށުގައި އެއްގަމު އުޅަނދުފަހަރު ދުއްވަން ހުއްދަ ދިނުމުގެ ލައިސަންސް ދޫކުރުމުގެ ހިދުމަތް ފެށޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަން ހާމަކުރެއްވީ ޓެކްސީ ވިޔަފާރިތަކަށާއި ދިވެހި ޓެކްސީ ޑްރައިވަރުންނަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ އެ ކަންކަން ހައްލުކުރެވިދާނެ ގޮތާ މެދު މަޝްވަރާ ކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޭފުޅުން ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ގިނަ ރަށްރަށުގައި ލައިސެންސް ޓެސްޓު ހެދެން ނެތުމަކީ ރައްޔިތުން ޝަކުވާއެއް ކަން ފާހަގަކުރައްވައިފައެވެ.

އެ ކަމަށް ހައްލެއް ގެނައުމަށް މިނިސްޓްރީން ކުރާ މަސައްކަތާ ގުޅޭ ގޮތުން ބިގޭ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ކުރު މުއްދަތެއްގައި ރަށެއްގައި ދިރިއުޅުނަސް އެ މީހަކަށް ލައިސަންސް ނެގޭ ގޮތަށް ވެސް ގަވާއިދު ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އާބާދީގައި 2000 މީހުން ހަމަވާ ދިރިއުޅޭ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް އެ އިންތިޒާމު ހަމަޖެއްސޭނެެ ގޮތަކަށް ގަވާއިދު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމުން ގައުމު ހިންގުން ފުޅާ ކުރުމަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"2000 އަށް ވުރެ މަދު ނޫން އާބާދީއެއް އޮންނަ ރަށެއްގައި ލައިސަންސް ނެގޭނެ ގޮތަށް ގަވާއިދުތައް ބަދަލު ކުރަމުން އަންނަނީ،" ނަހުލާ ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން ނަމަ ލައިސެންސް ނަގަން ދާން ޖެހޭނީ އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށަށެވެ ބައެއް އަތޮޅު ތަކުގައި ވެރިކަން ކުރާ ރަށަށްވުރެ އާބާދި ބޮޑު ރަށްރަށް ވެސް ހުރެއެވެ. މީގެ ތެރޭގައި ވެރިކަން ކުރާ ރަށާ ދުރު ބައެއް ރަށްރަށް ވެސް ހިމެނެއެވެ. އޭގެ ސަަބަބުން ދިމާވާ ދަތިތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް ވެސް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މީހާ

  ކުދިރަށްތައް އުވައިލަްންވީ. 2000 ހަމަ ނުވާނަމަ ބިން ބޮޑު ރަށަކަށް އެއްކޮށްގެން ތަރައްޤީ ކުރަންއުޅޭނެ ނަމަ ޚަރަދު ކުޑަވެފައި ތަރައްޤީ ކުރަން ބޮޑުތަނުން ފަސޭހަވާނެ

  2
  1
 2. ރަސް

  ރަށުގަ ލައިސެންސް ނެގޭ ދެނީ ފޮތެއް ކާޑެއް ނުދޭ . ފޮތް ހިފާގެން މާލެގަ ނުދުއްވޭ. މީ ހަމަ ހަމަކަމާ އިންސާފު އޮންނަވަރު 2021 ވަނަ އަހަރުވެސް.

 3. ޓްރާންސްޕޯޓް

  ދެން ދެހާހުން ދަށުގެ އާބާދީ މީހުންއުޅޭ ރަށްރަށުގަ އުޅޭ މީހުންނަކީ އެއްވެސް ބައެއް ނޫނޭ ތި ބުނަނީ