ހއ. ހޯރަފުށީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ފައިސާގެ ބަދަލުގެ ގޮތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްވައިފިއެވެ.

ހޯރަފުށީގައި ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެގެއަށް ގެއްލުން ވެފައިވާއިރު، އެގޭގައި ދިރިއުޅެމުން އަންނަ ބިދޭސީ މީހާ ގެންގުޅޭ ފައިސާ ވެސް ވަނީ އަނދައިގެން ގޮސްފައެވެ. އެގޮތުން އޭނާ ރައްކާ ކޮށްގެން ގެންގުޅުނު 5،340 ރުފިޔާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ވަގުތު" އަށް ވިދާޅުވީ، އިއްޔެ ހެނދުނު 10:30 އެހާކަންހާއިރު ހިނގާފައިވަނީ ރޯޝަނީ ގޭގައި ކަމަށާއި އެހާދިސާގައި އެގޭގައި ދިރިއުޅެމުން އަންނަ މުހައްމަދު ސުހެއިލް ނަމަކަށް ކިޔާ ބިދޭސީ މީހާ ގެންގުޅޭ ފައިސާތައް އަނދާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އޭނާގެ ފައިސާތައް އަނދައިގެން ދިއުމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ހެޔޮ އެދުންތަކާއި އެކީ އެ ބިދޭސީ މީހާއަށް 5،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ މިއަދު މެންދުރު 14:00 ގައި ކައުންސިލްގެ ޖަލްސާ ކުރާ މާލާމުގައި އެ ބިދޭސީ މީހާއާއި ސަލީމް ހަދިޔާ ކުރި 5،000 ރުފިޔާ އަތުން އަތައް ދެއްވާފައި" ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ، ހާދިސާ ހިނގުމާއި އޭނާ އެހެން ގެއަކަށް ބަދަލު ކުރުމާއި ދެމެދު ވާނީ ކުޑަ ވަގުތުކޮޅެއް ކަމަށާއި އޭނާ މިވަގުތު ހުރީ ބިދޭސީ މީހުން ތިބޭ "ރީތި" ގެއެއްގައި ރައްކާތެރިކަން ކަށަވަރު ކޮށްގެން ކަމަށެވެ.

"ހަވީރުގެ ވަގުތެއްގައި ބިދޭސީން ދިރިއުޅޭ އަންނާރުމާގެ އަށް އޭނާ ވަނީ ބަދަލު ކޮށްފައި." ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ހަލިފާނުގެ ހާދިސާ ހިނގި ގެއަށް ކައުންސިލުން ގޮސް ބެލި ކަމަށާއި އެބެލި ބެލުމުން އެއީ ބަޔަކު ކޮށްފައިވާ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެއްބާރުލުން އޭނާއަށް އެހީތެރިވުމަށް ލިބުނު ކަމަށް ވެސް ވަހީދު ފާހަގަ ކުރެއްވިއެވެ.

"އެގެއަކީ ވަރަށް ކުރީ ޒަމާނުގެ ގޮތަށް ކަރަންޓު ވައިރިން ކޮށްފައިވާ ގެއެއް" ބޮޑަށް ބެލެވެނީ ކަރަންޓް ޝޯޓެއް ކޮށްގެން ގޭގައި ރޯވީ ކަމަށް. އެއީ ރަށުގެ ބަޔަކު ކުރި ކަމަކަށް ގަބޫލެއް ނުކުރެވޭ" ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއަލީ

    ބޮޑު ރަސްމިއްޔާތެއް ބާއްވަންޖެހޭތަ؟

    16
    1
  2. ޝޯއޮފް

    އެންމެ 5000 ރުފިޔާއެއް ދިނުމަށް މިވަރު ބޮޑު ޝޯއެއް ބާއްވާކަށް ނުޖެހޭ. ޖީބުން ނަގައި އެފައިސާ އޭނާ އާ ހަވާލުކޮށްލީމާ ނިމުނީ.

    25
    6
    • ޒައިކް

      ޝޯ ބޮޑުވީ ޕީޕީ ޑިފެކުސަނު ބަބުރު ނާޝިދާމެން މި ހާދިސާވެސް ސިޔާސީކޮށް ދޮގުވާހަތަށް ޝޯޝިއަލް މީޑިއާގަ ފެތުރީމަ.. ބަޔަކު ހުޅުޖެހީއޭ ކައުންސިލުން އަޅައެއް ނުލައޭ ކިޔައިގެން..ބަޔަކު ވަތް ނަމަ ފުރަތަމަ ފައިސާކޮޅުދޯ ގެންދާނި ހާމައަށް ހުރި ގެއެއްގަ

      2
      1
  3. ފަޒް

    ޝޯއޮފް ތިހެން ނުބުނުވާ އެނިކަމެތި ބިދޭސީމީހާއަށް ދިމާވީ ކުޑަކަމެއްނޫން އެކަމަށް އެޙީތެރިވީ އެމްޕީ އަޙްމަދުސަލީމް އަށް ފައްފަށުން ޝުކުރުދަންނަވަން

    5
    1
  4. ބުއްޅަބޭ

    ތީގެ ބަރަ ކާތްވެސް ތި ދިޔައީ އިސްތިހާރު ކުރީމަ...

    1
    1
  5. ދަރަނި ދަންތުރަ

    5000 ރުފިޔާ ހަވާލުކުރަން ބޮޑުރަސްމިއްޔާތެއް ދެއްކުންތެރިކަން އިންތިހާ ، ވިލިމާލެއިން 15 ރުފިޔާ އަށް ކުކުޅުރިހަ ގަންނަން މާލޭން މީހަކު ވިލިމާލެއަށް ދިޔަކަމަށްވަނީ ، ޓެކުސީ އަށް 25 ރުފިޔާ ފެރީ ޓިކެޓު 10 ރުފިޔާ ހަރަދުކޮށްގެން " 15 ރުފިޔާ އަށް ކުކުޅު ރިހަ " ސާބަސް ސައްލޭ

    1
    1