އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައިވާ 08 ބާވަތެއް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކުރެވިގެންދާތީ އެކަމަށް މިމިނިސްޓްރީން މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާޙައުލު ކިލަނބުވެ އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ތަޣައްޔަރު ވަމުން ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަން ޕްލާސްޓިކު ކުނީގެ ޝިކާރައަކަށްވެ، މި ރަށްތަކުގެ ރީތި އަތިރިމަތިތަކާއި، ސާފު ގޮނޑުދޮށާއި، އަދި ކަނޑުފަޅުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުތަކާއި އެހެނިހެން ޕްލާސްޓިކް ކުނި އަޅަމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ ޕްލާސްޓިކުގެ ސަބަބުން މި ނާޒުކު ތިމާވެށި ތަޢައްޔަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ތެރެއިން ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބާވަތްތަކަކީ ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ބޭނުންކޮށް ގޮނޑުދޮށްތަކަށާއި، މޫދާއި ފަރު އަދި ކަނޑަށް އުކާލަމުންދާކަން ފާހަގަކުރެވިފައިވާ ބާވަތްތައް ކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން އަށް ބާވަތެއް އިމްޕޯޓު ކުރުން މަނާ ވެގެންދާއިރު، ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ އިޤްތިސާދީ މަޑުޖެހުމަށާއި އެކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަށްކޮށް، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ތަކެތީގެ ތެރެއިން ބައެއް ތަކެތި އިމްޕޯޓުކުރުން މަނާކުރާ ސުންގަނޑިއަށް މިއަދު ވަނީ ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައިވާ ކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރައްވަން ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ކަންކަން ހުއްދަކޮށް ހަރާމް ކުރުމުގެ ބައި ބޮޑަށް މިއޮންނަނީ ނަސާދީނުގެ ތެރޭގައި،/ ﷲ ހުއްދަކުރެއްވި އެއްޗެއް ހަރާމް ކުރުން ނުވަތަ ހަރާމް ކުރިއެއްޗެއް ހަލާލު ކުރުން މީ އިސްލާމް ދީނުގައި އޮންނަ މަންހަޖެއްނޫން !

  2. ޖާބެ

    ޕްލާސްޓިކާ ނުލާއުޅެވޭނެބާ؟