މިހާރު ވެސް މާލޭ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަކިން ނަމާދު ކުރަން ވެސް މިސްކިތްތަކަށް ނޭރޭ ގޮތައް މިސްކިތްތައް ބަންދުކޮށް، މިސްކިތްތަކުން ފެން ކަނޑާލުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދީ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައިވިއަސް ބައެއް ޢާންމު ފަރާތްތަކުން ޚާއްޞަ ޙާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާތީ، މާލެ ސަރަޙައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

37 މިސްކިތެއްގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހުރިކަން ފާހަގަ ކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވި ނަމަވެސް މިސްކިތަކުގެ ދޮރުތައް ކައިރީ ޓޭޕްތައް ދަމައި އަދިވެސް ހުރީ ބަންދުކޮށްފައެވެ. މިސްކިތަކުން ކަރަންޓާއި ފެން ކަނޑާލާފައި ވަނިކޮށް ގިނަ މިސްކިތަކުގެ ފެނާއި ކަރަންޓް ދީފައި ވަނީ މިސްކިތައް އަރާ އާއްމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެއްވެސް މިސްކިތެއްގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދިން ކަން އެނގިފައެއް ނުވެއެވެ.

މިރޭ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެސް ވަނީ މިސްކިތްތައް ބަންދުކުރަން ނިންމި ނިންމުން ދިފާއުކޮށްފައެވެ. މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ މިސްކިތްތައް ބަންދުކުރީ މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދުކުރަމުންދާތީ، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިސްކިތްތައް ބަންދުކުރުމުން އެންމެ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނީ ވަޒީފާ އަދާކުރަން ބޭރުގައި އުޅޭ މީހުންނަށާއި ދިރިއުޅޭ ގޭގެ ޖާގައިގެ ދަތިކަން ހުރުމުން މިސްކިތުގައި ނަމާދު ކުރަން ޖެހޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ބަންދުކޮށް ޖުތުމަނާ ކުރާގޮތަށް ހުރީ. ތިމިނިސްޓަރަކީ ލާދީނީ މީހުންގެ ޕަޕެޓެއް.

    15
    1
  2. ހުދު ހުދު

    ނަމާދައް މިސްކިތައް ދެވޭ. ޖޫރިމަނާ ވެސް ވެދާނެ.

    8
    1
  3. ދެން

    ޖުރިމާނާ ނުކުރާނެތޯ އަދި ކޮންމެ ނަމާދަކަށްވެސް ދެވޭނެތޯ؟

    12
  4. އަބްސީ

    މިނިސްޓަރު ތިކިޔަނީ އަމއޭތަ؟ ﷲ ގެ ލަޢުނަތަށް ޒިންމާދާރު ވެރިން ބިރުވެސް ނުގަންނަނީތަ؟ ރައްޔިތުން ބިކަޙާލުގަ ޖައްސާ ރައްތިތުންނަށް ހުސްދޮގާއި މަކަރު - މިމީހުންނަށް ހީވަނީ މަރުވެސް ނުވާނެހެން، މިދުނިޔޭގަ ކުރާ ޢަމަލުތަކަށް ސުވާލުވެސް ނުކުރެވޭނެހެން.

    17
  5. ޙަލީ

    މިސްކިތްތަކުގައި ނަމާދުކުރެވޭގޮތަށް ނުވެސް ނެތް ، އަދި ހުއްޓަސް ނަމާދަށް ދާންހަމަ ނިކުންނަތަނާ ޖުރުމަނާ ކުރެމުންދަނީ ،

    12
  6. ކައިލް

    ދޮގު ހަދާ މިނިސްޓްރީ އެއް.... އިސްތިއުފާ

    17
  7. Anonymous

    ބަންދު ކޮށްފައި ހުރީ . އިތުރު ފުޅު ނަހައްދަވާ. މީހުން އަރައަގެން ނަމާދު ކުރަނީ. ގޭތެރޭގައި ދަތި ޚުޝޫޢަތްތެރި ކަމާއި އެކު ނަމާދު ކުރުމަށް. ކުޑަކުދިންނާއި ތޮއްޖެހިފައިވާޢާއިލާތައް. އަނެއްކާ މަސައްކަތްކުރާ ތަނުގައި ހުރެ ގެއަށް ދާންވެސް ދަތިވެ ކައިރިގައި ހުންނަ މިސްކިތަށް އަރަނީ. ކާކު ކޮންބައެއް ރުއްސަންތޭ މިއުޅެނޫ. ބަލިމަޑުކަމުގެ ޙާލަތުވީމާ ޖަމާޢަތް ނެހެދިޔަސް މިޙާލަތުގައި ވެސް މިސްކިތުގައި ނަމާދުކުރަން ބޭނުންވާ މީހާއަށް އެފުރުޞަތު އޮންނަށްވާނެ. ނޫނީ އިސްތިއުފާދީފައި ގޭގައި ތިބޭ.

    24