މެއި މަސް ތެރޭގައި އެއް އަހަރުން ދަށުގެ 381 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

ރާއްޖެއިން ކޮވިޑަށް ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެ، އެ ބަލީގައި ނިޔާވި މަހަކީވެސް މެއި މަހެވެ.

މެއި މަހުގެ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ކޮވިޑަށް ފައްސިވާ އަދަދުތައް 500 އިން މަތީގައި އުޅުނުއިރު، ބައެއް ދުވަސް ދުވަހު އަދަދުތައް 1000 އިން މައްޗަށް އަރާ ރެކޯޑް ހެދިއެވެ.

އެޗްޕީއޭއިން މިއަދު ވިދާޅުވީ، މި އަހަރުގެ މެއި މަހު ރާއްޖެއިން އެއް އަހަރުން ދަށުގެ 381 މީހަކު ކޮވިޑަށް ފައްސިވި ކަމަށެވެ. އޭގެ ތެރޭގައި އަލަށް ވިހެއި ކުދިންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

"އެހެންކަމުން ބޭރަށް ދިއުން މަދުކޮށް، ރައްކާތެރިކަން އިސްކޮށް، ލޯބިވާ މީހުން އެ ބައްޔަށް ހުށަނޭޅޭނެހެން އުޅުންތައް ބަހައްޓާ". އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން 5000 އަށްވުރެ ގިނަ 10 އަހަރުން ދަށުގެ ކުޑަކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ކުޑަކުދިންނަކީ ކޮވިޑް ބަލީގެ ނުރައްކާ ބޮޑު ކެޓެގަރީއަށް ފެތޭ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްސީ

    އޭޕްރީލްމަހު މުޅިރާއްޖެ ވޯޓަށް ހުޅުވާލި، ސުކޫލްތަކާއި ނާރސަރީވެސް، ސަރުކާރުން ޒިންމާ ވާންޖެހޭނެ މިކަމުގެ، ކުޑަވެސް ރަޙްމެއް ރައްޔިތުންނަށް ނެތް، މިބަލީގައި ނިޔާވި އެންމެންނަށް ސުވަރުގެ މިންވަރު ކުރައްވާ، ޒިންމާދާރު ވެރިންނަށް ހެޔޮވިސްނުން ދެއްވާށި - އާމީން