ރާއްޖެ އިން މިއަދު އިތުރު 768 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެތެރެއިން 373 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 357 މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު 15 މީހުން، ސަފާރީއަކުން އަށް މީހުން އަދި ރިސޯޓް ތަރައްގީ ކުރަމުންދާ ރަށްތަކުން ވެސް އިތުރު 15 މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ މެއި މަހުގެ 02 ވަނަ ދުވަހަށް ފަހު މާލޭ ސަރަހައްދުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 5685 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %13 މީހުންނެވެ. އެހެންކަމުން އިއްޔެ އަށްވުރެ މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ގިނަވި ނަމަވެސް ކޮށްފައިވާ ޓެސްޓް ބަލާއިރު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

އިއްޔެ ކޮވިޑަށް ފައްސިވީ 710 މީހުންނެވެ. އެއީ އިއްޔެ ކޮވިޑަށް ޓެސްޓް ކުރި 5310 މީހުންގެ %13 އެވެ.

ހޮސްޕިޓްލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިއަދު ވަނީ އިތުރުވެފައެވެ. މިއަދު 208 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައީ 204 މީހުންނަށެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން އިތުރު އަށް މީހަކު ވަނީ ނިޔާވެފައެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ އިރު މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރަން މާލޭގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކެފޭތަކާއި ރެސްޓޯރެންޓްތަކާއި މިސްކިތްތައް އެދުވަހުން ފެށިގެން ބަންދުކޮށް ކާފިއުގެ ވަގުތު އިތުރު ކުރިއެވެ. އަދި މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހާއްސަ ހުއްދައެއް އޮވެގެން ނޫން ގޮތަކަށް އެއްވެސް ގަޑިއެއްގައި ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަޖައިބު

    މި ވާގޮތެއް ހަމަ ނޭނގޭ؟ފައްސި އަދަދު މި އޮތީ ވަރަށް މަދުވެފައި.🙂🤫އަސްތާ! ޢެހެނެއްކަމަކު މީހަކު ނިޔާވެއްޖެއްޔާ އެވީ ކޮވިޑަށް ޕޮޒިވިޓް .އެ ވަރިހަމަ އެކްސިޑެންޓަކުން ވިޔަސް! ދެން ފަހެ މިވާ ގޮތެއް ހަމަ ނޭނގުނު!