ދުއްވާފައި ދިޔަ ސައިކަލެއް ގާޑިޔަލެއްގައި ޖެހި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓަށްފަހު ސައިކަލް މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ދިހަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ދީފިއެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހި ހިނގި އެއެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން ޒުވާނަކު ވަނީ ނިޔާވެފައެވެ. މިއެކްސިޑެންޓްގައި ނިޔާވީ ސައިކަލުގެ ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒީދުއެވެ. އެކްސިޑެންޓް ވުމާއިއެކު އިސްމާއިލް ޔަޒީދުގެ ރަހުމަތްތެރިޔާ ސައިކަލް މަޑުނުކޮށް ފިލީއެވެ.

ފިލައިގެން ދިޔަ މީހާ ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރު ކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު އެކްސިޑެންޓް ހިނގި ތަނުގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމީހާއަށް ނަމެއް ވެސް ނުކިޔާތޭ

  2. ޢަލީބެ

    ތުހުމަތު ކުރި ކުށަކީ ކޮބާބާ.؟ އީސާ ހައްޔަރު ކުރަންވީމާ ނުފެނުނު މާއްދާތައް މިފަހަރު ހުންނާނީ ފެނިފަ؟ ވެރިންނަށް ބޮޑު އިންސާފު... ނިކަމެތިންނަށް އަނިޔާ