މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ރާޅުގައި ކުޑަކުދިންވެސް ވަރަށް ބޮޑަށް ބަލިވާން ފަށައިފިކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް އަކީ ކޮވިޑް ޖެހޭ ކުޑަކުދިންނަށް ވެސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރެކެވެ.

ޑރ.ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާއްސަކޮށް ސުޓެރއިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް ދިފާޢީ ނިޒާމްދަށް ކުދިންނާއި ކިޑްނީ ބަލި ހުންނަ ކުދިންނާއި ބަރުދަން މާމަތި ކުދިންނާއި އެނދުމަތިވެފައި ތިބޭ ކުދިންނަށް ކޮވިޑް ޖެހުމުން ވަރަށް ބޮޑަށް ބަލިވާ ކަމަށެވެ.

"މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިންވެސް ވަރަށް ވަރަށް ބަލިވާންފަށައިފި. ޚާއްޞަކޮށް؛ ދިފާޢީ ނިޒާމްދަށް ކުދިން (ސުޓެރއިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް) ކިޑްނީބަލި، ބަރުދަން މާމަތި (ކުދިންނާއި) އެދުމަތިވެފައި ތިބޭ ކުދިން،" މާބޮޑަށް ބަލިވާން ފަށައިފި." ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ ކޮވިޑްގެ ހަތަރުވަނަ ރާޅުގައި ކޮވިޑް ޖެހޭ ކުދިންގެ ތެރެއިން ބައެއް ކުދިންގެ ހާލު ވަރަށް ބޮޑަށް ގޯސްވާކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވުމުން މީހަކު ވަނީ އެއީ އާވެރިންޓްގެ ސަބަބުން ދިމާވާ ކަމެއްތޯ ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި ޑޮކްޓަރ ފައިސަލް ވިދާޅުވީ އެކަން އެނގޭނީ ޓެސްޓް ކުރުމުން ކަމަށެވެ.

ރާއްޖޭގައި މިހާރު ފެތުރެމުން އަންނަނީ އިންޑިއާ އިން ފެނިގެން އުޅޭ ކޮވިޑްގެ ވޭރިއަންޓް ކަމަށް ބެލެވެއެވެ. ނަމަވެސް ރާއްޖޭގައި ފެތުރެނީ ކޮން ވޭރިއަންޓެއްތޯ ޓެސްޓް ކުރަން ރާއްޖެ އިން ބޭރަށް ސުންކު ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އޭގެ ނަތީޖާ ނުލިބެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ ކުޑަކުދިންގެ އަދަދު ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އުމުރުން ދިހަ އަހަރުން ދަށުގެ ވެސް ހަތްހާހަށްވުރެ ގިނަ ކުދިންނަށް ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހިފައި ވެއެވެ.