ސީރިއާގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ތުރުކީއަށް އެތެރެވެ، އެގައުމުގައި ތިއްބާ ހައްޔަރުކޮށް ރާއްޖެ ގެނައި ތިން ދިވެއްސެއްގެ މައްޗަށް ދައުލަތުން އުފުލި، ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އެތިން މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ދައުވާ އުފުލީ މުހައްމަދު ނަބީހް ކިޔާ މީހަކާއި، އާދަމް ފަރުހާން ކިޔާ މީހަކަށާއި އަހްމަދު އަފްޒަލް ކިޔާ މީހެއްގެ މައްޗަށެވެ. އެމީހުން ރާއްޖެ ދޫކޮށް ދިޔައީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

މިތިންމީހުންވެސް އެންމެ ފުރަތަމަ މެލޭޝިޔާއަށް ދިއުމަށްފަހު އޭގެ ފަހުން ބެންކޮކްއަށް ގޮސް އަދި ބޭންކޮކް މަގުން ތުރުކީއަށް އެތެރެވެފައިވެއެވެ. އޭގެ ފަހުން ތުރުކީގައި އެމީހުން ސޭވް ހައުސްއެއްގައި ތިއްބާ ތުރުކީގެ ސަލާމަތީ ބާރުތަކަކުން އެމީހުން ހައްޔަރުކޮށް ދިވެހިރާއްޖެއަށް ސެޕްޓެމްބަރ ގައި އަނގުރާ ފޮނުވިއެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ ތިން މީހުންގެ އާއިލާ މީހުންގެ ފަރާތުންވެސް ވަނީ ތަޙްޤީޤަށް ބަޔާންދިނެވެ. ބަޔާނުގައި މިތިންމީހުންވެސް ފުރައިގެން ދިޔަކަން އެއްވެސް ފަރާތަކަށް ނޭނގޭކަންވެސް ފާހަގަކޮށްފައި ވެއެވެ.

"ތިން މީހުންގެ އުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާކަން އާއިލާގެ ފަރާތުން ފާހަގަކޮށްފައިވާކަމަށާއި، މި ތިންމީހުންގެ ތެރެއިން މުޙައްމަދު ނަބީޙުއާއި އަޙްމަދު އަފްޞަލް ރާއްޖެއިން ފުރައިގެން ގޮސްފައިވަނީ 02 ޖުލައި 2017 ދުވަހުކަމަށް އިމިގްރޭޝަންގެ ސިސްޓަމްއިން ދައްކާކަމަށާއި، ނަމަވެސް އާދަމް ފަރްހާން ރާއްޖެއިން ފުރައިގެން ދިޔަކަން އެނގެން ނެތްކަމަށް" ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި ތިންމީހުން ރާއްޖެ އައުމުން 23 ސެޕްޓެމްބަރު 2017 ގައި ހައްޔަރު ކުރިއެވެ. މުޙައްމަދު ނަބީހުގެ ބައްޕަ މިމައްސަލައާ ގުޅިގެން މުޙައްމަދު ނަބީރްގެ ޕެންޑްރައިވެއްކަމަށް ބުނެ ޕެން ޑްރައިވެއް ޙަވާލުކުރި ކަމަށާއި އަދި ދެންނެވުނު ޕެންޑްރައިވް ފޮރެންސިކް މެދުވެރިކޮށް ބެލިއިރު އޭގައި އައިއެސްއަށް ތާއިދުކޮށް ހަދާފައިވާ ވީޑިއޯތަކާއި ލިޔުންތައް ހުރިކަމަށް ފުލުހުން ކޯޓުގައި ވިދާޅުވިއެވެ. އަދި ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރު ހުންނަ މީހުންނާއި ގުޅުން އޮންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ޕެންޑްރައިވް ލިބުމުން އޭގައި މައްސަލައާ ގުޅުން ހުރި ތަކެތި ހުރިތޯ ފުލުހުން ބެލިއެވެ. އެގޮތުން ބެލިބެލުމުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ 48 ވީޑިއޯ ފެނުނެވެ. އެފައިލްތަކުން ސީރިއާ ގައި އައިއެސްގެ ނަމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތުގެ މީހުން ގެންގުޅޭ ލޯގޯ ޖަހާފައިވާ ވީޑިއޯއާއި ސީރިއާ ސިފައިންގެ ބެޖު ޖަހާފައިވާ ހަނގުރާމަވެރި އުޅަނދުތަކާއި މީހުންނަށް ޙަމަލާދޭ މަންޒަރާއި އަނިޔާވެރި ގޮތްގޮތަށް މީހުން މަރާ ވީޑިއޯއާއި ތަންތަނާއި މީހުންގެ ގަޔަށް ބަޑިޖަހާ ގޮއްވާ ހަލާކުކުރާ މަންޒަރު ފެންނަ ވީޑިއޯ ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ޖިހާދުކުރުމަށް ގޮވާލާ ދިވެހިން އަޑު އަޅާފައިވާ ބައެއް ފައިލުވެސް ހިމެނޭކަމަށާއި، މީގެ އިތުރުންވެސް މި ޕެންޑްރައިވް އެނަލައިޒް ކުރުމުން މައްސަލައާ ގުޅުން ހުރި 11 ޑޮކިއުމަންޓް ފެނުނުކަމަށާއި، މި ޑޮކިއުމަންޓުތަކުގައި ޖިހާދުކުރުމަށާއި ހަނގުރާމައަށް ދިއުމަށް ބާރުއަޅާފަދަ ޢިބާރާތްތައް ލިޔެފައިވާކަމަށާއި މި ޕެންޑްރައިވުން ފެނުނު ފައިލުތަކުގައި ވަނީ ދީނީ ހަރުކަށި މަންޒަރާއި އަޑުކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް ތިން މީހުން ވެސް ބުނެފައި ވަނީ އެމީހުން ތުރުކީވިލާތައް ދިޔައީ ޗުއްޓީއަކަށް ކަމަށެވެ.

މިމައްސަލައިގެ ތަހްގީގަށް ފުލުހުން ހޯދި ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހެކި ހުށަހެޅުމުގެ މަރުހަލާގައި ޕޮރޮސެކިއުޓަރ ޖެނެރަލް ހުށަހަޅާފައެއް ނުވެއެވެ. އެރިޕޯޓް ޝަރީޢަތައް ހުށަހެޅީ މާފަހުން ކަމަށް ވާތީ އެރިޕޯޓް ބަލައި ނުގަންނަން ޝަރީޢަތުން ނިންމިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވިދާޅުވީ ޝަރީއަތައް ދައުލަތުން ހުށަހެޅި ކަންކަމަށް ބަލާއިރު މުޙައްމަދު ނަބީހްއާއި، އާދަމް ފަރުޙާންއާއި، އަޙްމަދު އަފްޒަލްގެ މައްޗަށް އުފުލި ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކަށީގެންވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށެވެ.

މީގެ ކުރިން ވެސް ސީރިއާއަށް ހަނގުރާމައަށް ދާން އުޅުނު ބައެއް މީހުން ހައްޔަރުކޮށް ޝަރީޢަތް ހިންގާފައި ވެއެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތައް ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސަނާ

    އަލަހަމްދުލިއްލާހި

    6
    6
  2. ސުޕްރީމް ކޯޓް

    "ސީރިއާގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ތުރުކީއަށް އެތެރެވެ"
    ކޯޓުން ސާބިތު ނުވާކަމަށް ބުނީމަވެސް ވަގުތަށް ސާބިތުވީ ގޮތެއް ބަލަން އެބަޖެހޭ!!!

    14
    2
  3. އަލީ މޫސާ ދީދީ

    މި ލިޔުންކޮޅު ކިޔާލުމުން ދޭހަވާ ކަމަކީ މިމައްސަލައިގެ ތަހްގީގަށް ފުލުހުން ހޯދި ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހެކި ހުށަހެޅުމުގެ މަރުހަލާގައި ޕޮރޮސެކިއުޓަރ ޖެނެރަލް ހުށަހަޅާފައި ނުވަނީ ކީއްވެގެންބާއެވެ. އަދިހަމަ އެހެންމެ އެރިޕޯޓް ޝަރީޢަތައް ހުށަހެޅީ މާފަހުން ކަމަށް ވާތީއޭ އެރިޕޯޓް ބަލައި ނުގަންނަން ޝަރީޢަތުން ނިންމީ ކީއްވެގެންބާއެވެ. މީ ހުސްވެސް ސުވާލު އެފެދޭ ކަންތައްތަކެވެ. މީގެން އެގޭ އެއްޗަކީ ފަހަތުގައި ފޮރުވިފައިވާ ކަންތަކެއްވާކަމެވެ.

    3
    3
  4. ނަން

    މިހުންނަނީ ސާބިތު ކުރަން ޖެހޭ ކަންކަމެއް ނޫން. ތުރުކީއަށް ދިވެހިން ދާން ޖެހޭނެ އެހެން ސަބަބެއް ނޯންނާނެ. އަމުދުން ހައްދުފަހަނެޅި މީހުން

    6
    11
  5. Anonymous

    ތިބައިގަނޑު މިގައުމުން ބޭރުކުރޭ

    2
    1
  6. އނމ ފތމ

    ތުރުކީ އަށް ދިޔަޔަސް އީރާނައްދިޔަޔަސް ޕާކިސްތާނަށް ދިޔަޔަސް ކޮން ބެހޭކަމެއް. ބަލަ އެމީހަކު ބޭނުން ގައުމަކައް އެމީހަކަށް ދެވޭނެ އޭ. ނުޖެހޭ ކޮންމެހެން އަރަބި ގައުމަކަށް ދިޔަޔަސް ހިފާ ހައްޔަރުކޮށް އެތައް އަހަރެއްވަންދެން ތަޅުވާކަށް. ބޭރުފުށުން ސުންނަތުގެ އަސަރު ފެންނަން ހުރެއްޖެއްޔާ ބައެއްމީހުންނަށް ހަޖަމެއްނުވެއޭ ދޯ. ވަރެއް ވެޔޭ ދޯ މުނާފިގުންތަށް.

  7. ގަމާރު

    ތުރުކީ އަށް ޗުއްޓީއަށް ނުދެވޭތަ؟ ވިޔަފާރި ދަތުރު ނުދެވޭތަ؟ ބޮލުގައި ހުރީ މީދާކޭ އުބެއްދޯ

    5
    1
  8. މުނާ

    މިބައިގަނޑުގެ ކިބައިން ގައުމު ސަލާމަތްކުރައްވާދޭވެ

    6
    1