ޓެކްސް ނެގެވޭ ދާއިރާތައް އިތުރު ކުރެވޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު، ޓެކްސް އާމްދަނީން ކުރާ ޚަރަދުތަކުގެ ނަތީޖާއެއް ނުފެންނަ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ފާޅު ކުރައްވައިފިއެވެ.

ބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ފާހަގަ ކުރެއްވި ކަމަކީ ރޭގެ ވަގުތެއްގައ ކޮވިޑް-19 ގެ ބަލީގައި ހދ. ކުޅުދުއްފުށި، ލާޖަހާގެ، ފާތިމަތު މިޝްކާ މުހައްމަދު (10 އަހަރު) ނިޔާވުމުގައި ދައުލަތުގެ އޮތް އިހުމާލެވެ. އެ ކުއްޖާގެ ހާލަތު ގޯސްވުމުން ރިޕޯޓް ކުރުމުން އެމްބިއުލާންސަށް އާދެވުނީ ދެ ގަޑިއިރަށް ވުރެ ވެސް ގިނަ އިރު ފަހުންނެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށް ޓެކްސް ދައްކަން ވެސް މި ދަނޑިވަޅުގައި ދަތިވާނެ ކަން ވެސް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ވިޔަފާރިތަކުން ޓެކްސް ނެގުމުގެ ބަދަލުގައި ވިޔަފާރިތަކަށް އެހީވާން ޖެހޭ ވަގުތެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވެސް ފުރަތަމަ ފާހަގަކުރެއްވީ ރޭގެ ވަގުތެއްގައި ފެނިގެން ދިޔަ އިހުމާލުގެ ނަތީޖާއެވެ. މޯޑް ވިދާޅުވި ގޮތުގައި ޓެކްސް އިތުރު ކުރަނީ އާމްދަނީ އިތުރުކޮށް ލިބޭ އާމްދަނީން ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދިނުމަށެވެ.

ކޮންމެ ސަރުކާރަކަށް ފަހު ވެސް ޓެކްސް އިތުރު ކުރެވިފައި އޮތް އިރު ވެސް އޭގެ ނަތީޖާ ފެނިފައި ނެތް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށް ޓެކްސް އިތުރު ކުރާ ވާހަކަ ދެކެވިދާނެ، ޓެކްސް އިތުރު ވެސް ކުރެވިދާނެ، ޓެކްސް އިތުރުކޮށް އާމްދަނީ އިތުރު ކުރުން ވެސް ރަނގަޅު، އެކަމަކު އެ އިތުރު ކުރާ ޓެކްސް އިން ރައްޔިތުންނަށް އޭގެ ފައިދާއެއް ނުފެންނަންޏާ އޭގެ ފައިދާއެއް ނެތް،" މޯޑް ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، ސަރުކާރުގެ އެ ބިލަކީ އެއްވެސް ނަތީޖާއެއް ފެންނަން ނެތް ބިލެއް ކަމަށެވެ. މި ދަނޑިވަޅަކީ ވިޔަފާރިތަކުން ޓެކްސް ނެގުމުގެ ބަދަލުގައި ވިޔަފާރިތަކަށް އެހީތެރިކަން ދޭން ޖެހޭ ދަނޑިވަޅެއް ކަން ހަސަންޓޭ ވެސް ފާހަގަކުރެއްވިއެވެ.

"މި ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، އާންމު ފަރުދުންނަށް، ލިބޭ އާމްދަނީއެއް ނެތް، ނެތް އާމްދަނީއަކުން ނަގާ ޓެކްސްއަކުން ވާނެ މޮޅެއް ނެތް،" ހަސަންޓޭ ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެންބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރި ހުއްޓި، ބޭރުގެ އިންވެސްޓްމަންޓްތައް ވެސް ހުއްޓިފައިވާ ދަނޑިވަޅެއްގައި އިންޓްރެސްޓް ރޭޓާއި ޓެކްސް ރޭޓް އިތުރު ކުރުމުގެ ބޭނުމެއް އޭނާއަށް ނުވިސްނޭ ކަމަށެވެ.

"މާލީ ވަޒީރާއި، އިގްތިސާދީ ވަޒީރާއި، އެމްއެމްއޭގެ ގަވަރުނަރު، ވަރަށް ރަނގަޅަށް ވާހަކަ ދައްކަން ވެއްޖެ، ވަރަށް ރަނގަޅަށް މަޝްވަރާކޮށް، މީގެ އަސަރުތައް ވަރަށް ރަނގަޅަށް ދެނެގަނެފައި ނޫނީ މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ވެސް ނުވާނެ،" ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޓެކްސް އިތުރު ކުރެވޭ ވާހަކަ ދެކެވޭއިރު މީގެ ކުރިން ފައިސާ ޗާޕް ކުރަން ސަރުކާރުން އެދުމުން ވެސް އެ ކަމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދިން ކަމަށެވެ. އެކަމަކު އެ ފައިސާއިން ކުރި ޚަރަދެއް ފެންނަން ނެތް ކަމުގެ ޝަކުވާ އޭނާ ވެސް ކުރިއެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ ރޭގެ ވަގުތެއްގައި ކުޑަ ކުއްޖަކަށް ފަރުވާ ދޭން ވެގެން އިމަޖެންސީ ކޯލެއް ދިންތާ ދެ ގަޑިއިރު ފަހުން އެމްބިއުލާންސް ދިޔަ މަންޒަރު، މީގެ އެތައް އެމްބިއުލާންސެއް ގަންނާނެ ފައިސާ ޚަރަދުކޮށްގެން ބައެއް ވަޒީރުން ބޭރުގައި ވެސް އެބަ ތިއްބެވި، ނަތީޖާއެއް ނުފެނޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ބައެއް މެންބަރުން މި ކަމުގައި ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް މިއީ ކުރަން ޖެހޭ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެސް ވެއެވެ. ކަންބޮޑުވުން ފާޅު ކުރެއްވި ބައެއް މެންބަރުން ވެސް ވަނީ މިއީ ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ ކުރިން ފައިސާ އޯވަޑްރާފްޓް ކުރަން ފޮނުވި ހުއްދައާއެކު ވެސް މިފަދަ މޭރުމުން މެންބަރުން ވާހަކަ ދެއްކެވިއެވެ. އެކަމަކު ސަރުކާރުން ބޭނުންވާ ގޮތަށް އެ ހުއްދަ ދޭން ފާސް ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަދު

    މަ ޓެކްސް ދައްކަން ބޭނުމެއްނޫން. ޓެކްސް ދެއްކުމުގައި އަދި ނެގުމުގައިވެސް އަދިބޭނުންކުރުމުގައިވެސް އަދުލުވެރިއެއްނޫން.

    15
  2. ރަބަރޭ

    ދުލެއް ދީފިއްޔާ ކެބެއްހާ ތަން ދަމާލާނެ

    18
  3. ކޮރަލް

    ކައުންސިލަރުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތު ނީ އެވެ.

    15
  4. ޙހހ

    ސާބަހޭ ރައްޔިތުން ފެލާލާ . ޢެއަށްފަހު ކަލޭމެން ކޮންމެމީހަކަށް ގަނޑުވރާއި ބޮޑީގާޑާއި ލައިފް އިންސުއެރެންސް. ﷲ އަށް ވަކީލުކުރާނަމަ ކިހާރަނގަޚުވީސް.

  5. Anonymous

    ރައްޔިތުން ބަނޑަށް މަރާފަ މިސަރުކާރުން ހުއްޓާލާނީ!!!

  6. Anonymous

    ކޮންމެ ސަރުކާރަކަށްފަހު ޓެކްސް އިތުރު ކުރެއޭ ނުބުނޭ... ރައީސް ޔާމީން ދައުރުގައި ޓެކްސް އިތުރެއް ނުކުރޭ..... އަދި ފައިސާ ޕްރިންޓެއްވެސް ނުކުރޭ!!!!!!!!!

  7. ޖާބެ

    ސަރުކާރު ބަދަލްކުރަން ދިވެހިރައްޔިތުން ނުކުންނަންވެއްޖެ ، ކިހާވަރަކައްބާ ކެތްކުރަންވީ ، ކެތްތެރިކަން ކޮޅުންލައިފި މިހާރު ދިރުއުޅުމަތް ދިވެހިރާއްޖޭގަ ކުރާ މަސައްކަތުން ފޭރުން ހުއްޓުވަން އެބަޖެހޭ ފުރާނަޔާ ޖާނާމާލުން ކުރާ މަސައްކަތް ފޭރިގަންނަނީ ، ވައްކަންކުރަނީ އިންތިހާޔައް، މި އަޅުވެތިކަމުން ސަލާމަތްވާން އެބަޖެހެ

  8. ފަރިޑ

    ރައްޔެތުން އަތުން ލޫޓުވާ ދަމައިގެން އަނެއްކާ ފަހަރު ޓެކްސް ނެގުން އިތުރުކޮއްގެން ދެން އިވޭނީ މިވެރިންގެ މުސާރަ ބޮޑުކުޜާ އަޑު.

  9. Anonymous

    ހަމަ ގައިމުވެސް 2008 ވަނަ އަހަރާ ހަމަޔަށް އައިއިރު މި ގައުމުގެ ރައްޔިތުން އަތުން އެއްވެސް ޓެކުހެއް ނުނަގާ. އޭރު ކުރެވުނު ކަމެއްނޫން ކަމެއް އަދިވެސްވކުރެވިފައެއްނެތް. މިހާރު ކަމެއް ކުރިއަސް ކުރަނީ ބޮޑެތި އަދަދު ތަކުން ދަރަނި ނަގައިގެން. އެވަރުން ނުވެގެން އަދިވެސް އިތުރަށް ޓެކްސް ނަގަން ބިލް މިހުށަހަޅަނިި - ވެރިކަންވެސް ކުރެވޭނީ ކުރަން ކުރަން އެނގިގެން...