ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ، އަޒީޒް އަހުމަދު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް ހަޒްމުލް ހަސަންއެވެ.

އަދި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް، އާއިޝަތު ޝާން ޝާކިރު އަދި، އެމްއެންޑީއެފް ސާވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.

އަޒީޒް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ދަތުރުފުޅު، ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަ ވަނަ ދުވަހެވެ.

ބަންގްލަދޭޝް އަސްކަރިއްޔާއިން ވަނީ އެތަކެއް ރޮނގަކުން އެމްއެންޑީއެފްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، ހާއްސަކޮށް ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ ގޮތްގޮތުން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޮވިޑް-19 އާ ގުޅިގެން ނޭޕާލްގައި ތާށިވެފައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނެސްދިނީ ވެސް ބަންގްލަދޭޝް އަސްކަރިއްޔާ އިންނެވެ.

މި ބަލިމަޑުކަމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަންގްލަދޭޝް އަސްކަރިއްޔާގެ މެޑިކަލް ޓީމެއް މިހާރު ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަވަ

    ދެން ލަވަ ކިޔަންވީނު

  2. ސާރޖަންޓް

    ތަންކޮޅެއް ރަނގަޅަށް އަސްކަރިއްޔާ އަކާ ގުޅުން ވަރުގަދަ ކުރަންވީނު. އިންޑިއާ ފިޔަވައި ދުނިޔޭގެ އެހެން ބާރުތައް

  3. ޖާބެ

    ހިޔުމަން ޓްރެފިކިންގ ހުއްޓުވޭނެބާ / އިއްލީގަލް މީހުން ޑީޕޯޓްނުކުރާން ބޮޑުއެސްކިޔުޒެއް