ރ. މީދޫން ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި މީހަކާއި ގާތުން އެއްތާވި ބަޔަކު ބައްޔަށް ފައްސިވެއްޖެއެވެ.

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް "ވަގުތު" އަށް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ކަރަންޓީނުގައި ހުރި މީހެއް ކަމަށާއި އޭގެ ފަހުން ފައްސިވެފައިވަނީ އޭނާ އާއި ގާތުން އެއްތާވި ދެމީހުން ކަމަށެވެ.

އެގޮތުން ހަސަން ވިދާޅުވީ، އޭނާ ފައްސިވުމާއި ގުޅިގެން އެންމެ ފުރަތަމަ ވެސް ގާތުން އެއްތާވި މީހުން ހޯދައި އެމީހުން ކަރަންޓީނު ކުރި ކަމަށެވެ. އަދި އެދެމީހުން ފައްސިވެފައިވަނީ ކަރަންޓީނު ކޮށްފައި ތިއްބާ ކަމަށް ހަސަން ވިދާޅުވިއެވެ.

މިއާއި އެކީ އެރަށުން ފައްސިވި މީހުންގެ އަދަދު މިހާރު 5 އަށް އަރާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މި ވޭދަނަތަކާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށް އިތުރަށް ބަލަން ޖެހޭ ކަންކަން މިވަގުތު ބަލަމުން އަންނަ ކަމަށެވެ.