ހދ. ކުޅުދުއްފުށި ލާޖަހާގެ، ފާތުމަތު މިޝްކާ މުހައްމަދު 10، ކޮވިޑް ބަލީގައި ނިޔާވީ އެތައް ހަނދާނެއް އެންމެންނަށް ދޫކޮށްލާފައެވެ. އޭނާއާއެކު ވަގުތު ހޭދަކުރި މައިންބަފައިންނާއި ޓީޗަރުން އަދި އެކުވެރިންނަށް އެތައް ހުނަރެއް ދައްކުވައިދީފައެވެ. އެއީ މޮޅު ކުއްޖެކެވެ.

އިމާދުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދިޔަ މިޝްކާ މޮޅު ދަރިވަރެއްކަމަށް ޓީޗަރުންވެސް ބުނެއެވެ. ހާއްސަކޮށް އެސެމްބްލީގައު ޅެމާއި މަދަހަ ކިޔައިދޭ މޮޅު ދަރިވަރެކެވެ.

މިޝްކާގެ ކުއްލި ވަކިވުމާއެކު އެތައް ބައެއްގެ ސަމާލުކަން މިހާރު އައިސްފައި ވަނީ މިޝްކާގެ ކުރެހުމަކަށެވެ. އެ ކުރެހުމަކީ އެއީ އެމްޓީސީސީގެ ކަލަންޑަރ އާޓް ކޮމްޕެޝިން 2021 ގައި ބައިވެރިވެ މިޝްކާ ކުރަހާފައިވާ ކުރެހުމެކެވެ.

އެމްޓީސީސީން މިއަދު ވަނީ މިޝްކާގެ ކުރެހުމާއި އެކީ އެ ކުންފުނީގެ ކަލަންޑަރު ދައްކާލާފައެވެ.

އެމްޓީސީސީން ކުރި ޓުވިޓުގައި ވަނީ އެ އާއިލާ އަށް ތައުޒިޔާ ކިޔައި ކުރި ޓުވީޓުގައި މި ކުރެހުން ހިމަނައި ހަނދާންތައް އާކޮށްފައިވެއެވެ.

އެޓުވިޓުގައި ބުނެފައިވަނީ މިޝްކާ ނިޔާވި ހިތާމަވެރި ހާދިސާގެ ހަނދާން ކުރާއިރު، ހުނަރުން ފުރިގެންވާ އެ ތުއްތު ކުއްޖާގެ ކުރެހުން އާއްމުންނަށް ދައްކާލީ ކަމަށެވެ.

އެކުރެހުމުން ފެނިގެން ދަނީ މާލެ ސިޓީގެ މަލަމައްޗެވެ. އަދި އެމްޓީސީގެ ލޯންޗެއް ދުއްވާފައި ދާތަން ފެނިގެންދާއިރު، މާލޭ ސިޓީގެ މަލަމަތިން އެމްޓީސީސީގެ އިމާރާތެއް ވެސް ފެނެ އެވެ.

އެމްޓީސީސީން ބުނީ، "މިޝްކާގެ ހަނދާން އަބަދުވެސް އާ ކުރާނީ ޖަވާހިރެއްގެ ގޮތުގައި،" ކަމަށެވެ.

އިމާދުއްދީން ސްކޫލާ 2018 ވަނަ އަހަރު ގުޅުނު މިޝްކާއަކީ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވަމުން އަންނަ އަހުލާގު ރަނގަޅު މޮޅު ދަރިވަރެކެވެ. މިޝްކާ އަކީ ޖުވެލްސް ދަރިވަރެކެވެ. އެންމެ ފަހުން ސްކޫލްގައި ބޭއްވި އިންޓަކްލާސް މަދަހަ މުބާރާތުގައިވެސް މިޝްކާ ވަނީ ބައިވެރިވެފައެވެ.

އެސްކޫލްގެ ހެނދުނު ދަންފަޅީގެ ލީޑިން ޓީޗަރ ރަހުމާ އީސާ، މިޝްކާ ފާހަގަކުރެއްވީ "އުދުހޭ ކޮކާލެއްގެ" ގޮތުގައެވެ.