މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިހެން އިލެކްޝަންސްއިން ހާމަކޮށްފައިވަނީ ސަން ޓީވީގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ މެމްބަރު އަހުމަދު އަކްރަމްއެވެ. އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި މީގެ ތެރޭގައި ހުރީ 18 އަހަރު ނުފުރޭ ކުޑަކުދިން ލިސްޓުގައި ހިމެނުމާ އަދި މަރުވަފައިވާ ފަރާތްތަކުގެ ޝަކުވާތައް ކަމަށެވެ.

ރިއާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން އީސީން ހިމަނާފައިވާއިރު، އަކްރަމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ޝަކުވާތަށް ހުޅަހެޅުމުގެ ފުރުސަތު ބުދަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށާއި އެކޮމިޝަނަށް ހުށަހަޅާ މައްސަލައެއްގެ ޖަވާބު ފަސް ދުވަހުގެ ތެރޭގައި އަރުވާނެ ކަމަށެވެ. އަދި އީސީއިން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ލިސްޓުގައި އޮތް ނަމާއި މައުލޫމާތު ނުބައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްތަކަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ. ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ ވޯޓާސް ލިސްޓް އާއްމުކޮށްފައިވާއިރު، މިފަހަރު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ 10 ދުވަހެވެ. އަދި ރަށް ރަށުގެ ކައުންސިލްގައިވެސް މިލިސްޓްވަނީ އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލަކުރި

    ތިޔައީ މައްސަލައެއްނޫން، ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިފުޅު މަތީގައި ވޯޓްދީ އަދި އެވޯޓް ގުނާއިރު ވޯޓުގެ ޞައްޙަކަން ކަށަވަރު ވެގެންދާނެ.