ރާއްޖޭގައި ބޭއްވި އެންމެ ގިނަ ޖަނާޒާތަކުގައި ބައިވެރިވި އެކަކަށް ހދ. ކުޅުއްފުށީ ސިޓީ އަށް އުފަން އަހުމަދު މުނައްވަރު ވާނެއެވެ. އެންމެ ހިތްދަތި ވަގުތު އާންމުންގެ އެހީތެރިޔާއަކަށް ހުރި މުނައްވަރަށް އިއްޔެރޭ ދިމާވީ ވަރަށް ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ. ކޮވިޑް ބަލީގައި ނިޔާވި ފާތުމަތު މިޝްކާ މުހައްމަދު 10، ޖަނާޒާގެ ހުރިހާ ކަމެއް އެންމެ ކައިރިން ފެނުނު މުނައްވަރަށް އެއީ ހަނދާނުން ފިލުވާލަން ދަތި ރެއެކެވެ.

ކޮވިޑް ބަލީގައި ރާއްޖޭން މަރުވި ގިނަ މީހުންގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔަ މުނައްވަރު އެރޭ ހުރީ "އެތެރެއަށް ހިންދާލައިގެން"ނެވެ. މިޝްކާގެ ޖަނާޒާގެ ކަންކަން ކުރިއަށް ދިޔަ އިރު، އޭނާ އަށް ފެނުނީ ހިތަށް ވަރަށް އަސަރު ކުރުވަނިވި މަންޒަރުތަކެއް ކަމަށް ބުނީ ހަމަ އޭނާގެ ދުލުންނެވެ.

މުނައްވަރު ވެސް އުފަން ކުޅުދުއްފުށީ ދެމަފިރިއެއްގެ ހަމައެކަނި ދަރިފުޅުގެ ވަކިވުން އޭނާ ސިފަކޮށް ދީފައި ވަނީ ފޭސްބުކްގައެވެ. މުނައްވަރުގެ އިހްސާސްތައް ބަންޑުންކޮށްލީ މިޝްކާ އާއި އޭނާގެ މަންމަ އަށް ހާއްސަކޮށް ގެނައި ދެ ޅެންބައިތަކުންނެވެ.

އެއް ޅެންބައިތުގައި ވަނީ މިޝްކާގެ ޖަނާޒާގެ ވަގުތު މަޔަކަށް ކޮށްފައިވާ ފުން އަސަރެވެ. މިޝްކާ އަށް ހާއްސަކޮށް ލިޔެފައިވާ ޅެމުގައި ވަނީ މިޝްކާ މި ދުނިޔެއާ ވަކިވީ ދިރި ތިބި މީހުންނަށް މުހިންމު މެސެޖަކާއި "ވަސިއްޔަތެއް" ކޮށްފައި ކަމަށެވެ.

މިޝްކާގެ ކުއްލި މަރާ އެކު، މުނައްވަރު ބުނީ މިޝްކާ ވަކިއެވީ ދިވެހިން ރޮއްވާފައި ކަމަށާއި އެއީ ގާތިލަކު ދިން ހަމަލާއަކަށް ނުވި ނަމަވެސް މުހިންމު މެސެޖެއް ރައްޔިތުންނަށް ދީފައިވާ ކަމަށެވެ. މަންމަ އާއި ބައްޕަގެ ހިތާއި މުޅި އާއިލާ ފަދައިން މިޝްކާގެ ރަހްމަތްތެރިންގެ ހިތަށް ދަތިކޮށްފައިވާ ކަމަށް ވެސް މުނައްވަރު ބުންޏެވެ.

މުނައްވަރު ބުނި ގޮތުގައި އެމްބިއުލާންސެއް ނުލިބި މިޝްކާ މިގޮތަށް ވަކިވި ނަމަވެސް އޭނާ ދުނިޔެއާ އަލްވަދާއު ކިއީ މިކަމުގައި އަލިމަގެއް ހޯދުމަށް ވަސިއްޔަތް ކުރާ ހާލުގައެވެ. ދިރިހުރުމަކީ ހައްގަކަށްވާ އިރު، އެ ހައްގު މިޝްކާ އަށް ނުލިބި ވަކިވީ ގައުމު ރޮއްވާފައި ކަމަށް އޭގައިވެއެވެ.

ސަހަރާ އިން ފެނުނު މަންޒަރަށް އިޝާރާތްކޮށް މުނައްވަރު ބުނީ މަޔަކަށް ކުރާނެ ފުން އަސަރު ވަރަށް ގާތުން އެ ރޭ ފެނުނު ކަމަށެވެ. އަދި "ހެޔަށް" ގޮތް ވެގެން ސަހަރާ އިން ގެންދިޔަ ތަން ފެނިފައި ކަންބޮޑުވި ކަމަށް ވެސް އޭނާ ބުންޏެވެ. މިޝްކާ ވަކިވުމުން އެ ކުއްޖާގެ މަންމަ އަށް އަސަރުކޮށް ގަބުވެފައި އިން ގޮތުން ވަރަށް ދެރަވި ކަމަށް ވެސް ޅެން ބައިތެއްގައި ބުނެފައިވެއެވެ.

"ހީވޭ ބުނާހެން، އެއް ފަހަރު ނަމަވެސް ބައްދާލަދީ، ނީވޭ އެހެން ނަމަވެސް ހިތަށް އެ ކުރާ އަސަރު އިހްސާސްވިޔޭ،" މުނައްވަރުގެ ޅެން ބައިތެއްގައިވެއެވެ.

މުނައްވަރުގެ ޅެން ބައިއަތު ނިންމާލަމުން ދުއާކޮށްފައި ވަނީ މާތް ޖަންނަތުގައި މިޝްކާ އާއި އެ ކުއްޖާގެ މަންމައާ އެކުގައި ވުމަށެވެ.

މިޝްކާގެ މޫނު ބެލުމަށް އާއިލާގެ މެމްބަރުންތަކެއް ސަހަރާގައި.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އައި މިޝްކާ ނިޔާވީ ކޮވިޑުގައި ހާލު ސީރިއަސްވި ވަގުތު އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްވެގެން ކަމަށް އާއިލާ އިން ބުނެއެވެ. އާއިލާ އިން ބުނަނީ އެމްބިއުލަންސަށް ގުޅައިގެން ދެ ގަޑިއިރުވީ އިރު ވެސް ނާންނަ ކަމަށެވެ. އޭރު މިޝްކާ ކޮވިޑަށް ފައްސިވެގެން އެކަހެރިވެގެން އުޅޭތާ ދުވަސްތަކެއްވެއްޖެއެވެ. މިޝްކާއަށް ނޭވާލާން އުނދަގޫވާން ފެށުމާއެކު އާއިލާއިން އެޗްޕީއޭ އަށް ގުޅައި، އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދުނު ނަމަވެސް އެމްބިއުލަންސް އައުމުގައި ލަސްތަކެއް ވި ކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ ގަބޫލުކޮށްފައެވެ.

މުނައްވަރު ބުނެފައި ވަނީ މިޝްކާ ވަކިވެ ދިޔައީ، އެ މައުސޫމް ކުއްޖާއަށް މެދުވެރިވި ހާލަތް އެހެން ކުއްޖަކަށް ވިޔަސް މީހަކަށް ވިޔަސް ތަކުރާރު ނުވާނޭހެން ކަމާގުޅުން ހުރި އިދާރާތަކުގެ މަސައްކަތް ބައްޓަންކޮށް، ބަދަލުތައް ގެނައުމަށް ވެސް ބުނަމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިދަ ދަނޑި

    މަގޭ ހިތަށް އަރަނީ ކޮވިޑްގައި އެކުއްޖާ ނިޔާވުމުން، މަންމަ އާއި ބައްޕަ ޕޮސިޓިވްއިރު ނިޔާވުމާ ޖެހެންދެންވެސް އެކުގައި އުޅެވުނުއިރު ނިޔާވުމުން އަތް ޖައްސާލުމުގެ ހުއްދަ ނުލިބުނީ ކީއްވެތޯ؟؟ އެކަން އުސޫލާ ހިލާފްވެފަ ކޮވިޑްގައި ނިޔާވި ވަކި މީހަކު ގަލޮޅު ސަހަރާގައި ވަޅުވެލުނީ އުސޫލާ އެއްގޮތަށްތޯ....

    91
    2
  2. މުހައްމަދު

    ބޮޑުންނަށް މޮޅުގޮތް. ފައިސާދައްކާ ގޮތަށް އެދުނީމަވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ނުގެންދެވޭނެ ކަމަށްބުނީ ފެސިލިޓީއަށޯ ދާންޖެހޭނީ ބުނީ އެޗް ޕީއޭންބުނީ.

    48
    2
  3. ޢަލީ

    ވަރަށް ފުރިހަމަ

    26
  4. Anonymous

    ކެރަފާ ނަސީމު އިސްތިއުފާ ކެރަފާ އާއިލާ އިސްތިއުފާ

    81
    4
    • Anonymous

      މިގައުމުގެ ރައީސްގެ އެއްވެސް ޒިންމާއެއް ހަމަ ނެތީތޯ؟ އޭނަ މުސްކުޅިވެ އަމިއްލައަށް ނޫޅެވޭ ވަރުގެ މީހަކު ހެލްތަށްލީވެސް. ކުއްވެރިއަކީ، ދިވެހިރާޢްޖޭގެ ރައީސުލްޖުމްހޫރިއްޔާ.. މަގާމުގެ ޒިންމާ އަދާނުކުރޭ.. ގައުމު ނިމި މިދަނީ.. އޭނާއަކާވާކަމެއް ހަތްހަރާމުން ހަރާން.!!!

      29
      1
  5. ޒީރޯ ޓޮލަރަންސް

    މިގައުމަކީ ނަސްލީ އިމްތިޔާޒު ބޮޑުގައުމެއް. ބޮޑުންނަށް މޮޅުގޮތްތައް. ވަކި މީހަކަށްވީތީ ގަލޮޅު ސަހަރާ. ވަކި މީހަކަށް ވީތީ ދަރުމަވަންތަ. ވަކިމީހަކަށް ވީތީ ސިއްޙީ އެންމެހާ އެހީތެރިންނާއި ދައުލަތުގެ އެންމެހާ ވަސީލަތްތައް ތައްޔާރިގަ. ހުރިހާކަމެއް ފުރިހަމަކޮށް. ބޮޑުންނޭ މިކިޔާ މީހުނަށް ޚިދުމަތް ލިބުމުގަ ވަރަށްވެސް އަވަސް، އަދި އެހާމެ ފުރިހަމަ. ގައުމު މިއަދު އެބަރޮއި، ރަށްޔިތުންނަށް އަސަރުކުރޭ. ރަށްޔިތުން ހިތާމައެބަކުރޭ. މިޝްކާއަށް ހެޔޮދުއާ ނުކުރާ ހަމައެކަކުވެސް މިގައުމުގަ މިއަދަކު ނެތް. ހިތާމައާއި އަސަރާއި އެކު އެމަރުގެ ވާހަކަ އެބަދަށްކާ. އަބަދުގެ އަބަދަށް ދަށްކާނެ. ރައީސަށް އާދޭސްކޮށް ދަންނަވަން، ނިކަމެތި ރައްޔިތުންނާއި ބޮޑުންނާ ދޭތެރޭ ޒަމާޏުއްސުރެ ފެށިގެން މިގައުމުގަ މިއޮންނަ ފަރަގު ކުޑަކުރޭ. ރައްޔިތުންގެ ވާހަކަ އަޑުއަހާ ބަލާނެ، އަދި އަޅަންޖެހިއްޖެ ފިޔަވަޅެއް ކެރިގެން އަޅާނެ ޕްލެޓްފޯމެއް ގާއިމް ކޮށްދެއްވާ. ރައްޔިތުންނަށް ކަމޭހިތާ އޯގާތެރިވޭ.

    22
    3
  6. ކަމަނަ

    ހަމަ އަސްލުވެސް ރޮވިއްޖެ... އެވަޤުތު މަންމަ ކުރާނެ އަސަރު ލޮލުން ފެންނަ ކަހަލަ.... ލޯބި ލޯބި މިޝްކާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ...އާމީން.

    30
  7. މިދިޔަމަހު

    ރައްޓެއްސަކު އޭޑީކޭގަ 38ގ ފަރުވާއެއްނުލިބިއޮތް
    މަރުވެގެން ދިޔައީ ފަރުވާލިބުން ލަސް ވެގެން
    މަރުވީމަ ބުނަނީ މައްސަލައެއް އެބައޮއްހޭ
    މައްސަލައެއް އޮތިއްޔާ ފުރާނަ ލިބޭނެތަ

    19