ސައިކަލެއްގެ މަތީގައި އައިޖީއެމްއެޗް އަށް ގެންދިޔައީ ކޮވިޑް-19 ބަލީގައި ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ކޮވިޑް-19 ބަލީގައި ފާތުމަތު މިޝްކާ މުހައްމަދު 10، ނިޔާވެ ލަސްވުމުގެ ތުހުމަތު އެޅިފައި ވަނިކޮށް ސައިކަލެއްގައި ރޭ ކުއްޖަކު އައިޖީއެމްއެޗަށް ގެންދާ މަންޒަރާ އެކު މީސްމީޑިއާގައި ވަރަށް ބޮޑަށް އެ ވިޑީއޯ ދައުރުވެ، ތަފާތު ގޮތް ގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިއަދު "ވަގުތަށް" ވިދާޅުވީ އެ ހޮސްޕިޓަލަށް ރޭ ގެނައީ 14 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ އަށް އެޑްމިޓްކޮށްގެން ވޯޑުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ކުއްޖާގެ ހާލަތާ މެދު އޮފިޝަލް ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.
🚨#Breaking: Mirey ves habaru huss vefa oi kuda kujjaku cycle ehga aiydhandimathee hospital ah gendhiya video eh social media gai aanmu vehjje.
Ithuru mauloomaathu: https://t.co/ji8tBNrEUS pic.twitter.com/ZTqM0YLpta
— #MvCrisis (@MvCrisis) June 2, 2021
އެ ކުއްޖާ އަށް ކޮވިޑް ޖެހިގެން ގޭގައި އެކަހެރިކޮށްފައި ހުންނަތާ ތިން ވަރަކަށް ދުވަސްވެއްޖެއެވެ. ސައިކަލަކަށް ލައިގެން އަތްދަނޑި މަތީގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނިގެން ކަމަށްވެއެވެ.
ކޮވިޑްގެ ވަރުގަދަ މި ރާޅާއެކު، މި ބަލީގައި ބޮޑުވަރުވާ ކުޑަ ކުދިން ވެސް ގިނައެވެ.
ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ "ކުޑަކުދިން ވަރަށް ބަލިވާން ފަށައިފި" ކަމަށް، ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހާއްސަކޮށް ދިފާއީ ނިޒާމްދަށް ކުދިންނާއި، ކިޑްނީ ބަލީގެ ކުދިންނާއި ބަރުދަން މާމަތީ ކުދިންނާއި އެނދުމަތިވެފައި ތިބޭ ކުދިން ބޮޑުވަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނި ވެސް އުމުރުން އެއް އަހަރު ނުވާ 381 ކުދިންނަށް ކޮވިޑް ޖެހުނެވެ.
ކޮވިޑް ބައްޔަށް ފަރުވާ ހޯދާ ކުދިންގެ އަދަދު ގިނަވަމުން އަންނަ އިރު އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އައި މިޝްކާ މަރުވީ ކޮވިޑުގައި ހާލު ސީރިއަސްވި ވަގުތު އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްވެގެން ކަމަށް އާއިލާ އިން ބުނެއެވެ. އާއިލާ އިން ބުނަނީ އެމްބިއުލަންސަށް ގުޅައިގެން ދެ ގަޑިއިރުވީ އިރު ވެސް ނާންނަ ކަމަށެވެ.
އެކަން ހިނގައި ދިޔަ ގޮތުން އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ރޭ އެއްބަސްވެވަޑައިގެންފައެވެ. އަދި އެ ކަމުގެ ތަހުގީގު ނިންމައި މިއަދުގެ ވަގުތެއްގައި ރިޕޯޓެއް އާންމު ކުރަން ހެލްތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.
ސިއްހީ އެހީތެރިން އަންނަންދެން ބަލަންވާނީ ވެސް ވަކިވަރަކަށް ލަސްވުމުގެ ސަބަބުން ގެއްލިގެން ދަނީ ޢާއިލާ މީހެއް ސަރުކާރުން އެދޭނީ މަޢާފަށް އެއަށްވުރެ ބޮޑުވަރެއް ނުވާނެ، ވީމާ އެމީހުން ޢަންނަންދެން އެހާ ބޮޑަށް ލަސްނުކޮށް ވީހާވެސް އަވަހަށް ކޮންމެވެސް ގޮތަކުން ބަލިމީހާ ގެންދެވޭތޯ ބެލުން ޢެންމެ ބުއްދިވެރި ގޮތަކީ
ސުބްޙާނަﷲ! މަބުނާނީ މިއީ އެންމެންނަށް ﷲ ދެއްކެވި، މިސާލެކޭ! ޢިބުރަތެކޭ! ގާތްގަނޑަކަށް ހަމަ އެއް ޙާދިސާއެއް، ތަފާތު ދެކުއްޖަކަށް، ޖެހިޖެހިގެން ދެރޭ ދިމާވުމުން، ދެ ޢާއިލާއިން ކަންކުރި ގޮތުގެ މިސާލާއި އޭގެ ނަތީޖާ މިއޮތީއެވެ! އެއްބަޔަކަށް ކަންކުރެވުނު ގޮތުން ދަރިފުޅު ގެއްލުނީ އެވެ! އަނެއްބަޔަކު ކަން ކުރިގޮތުން ދަރުފުޅު ސަލާމަތް ކުރެވުނީއެވެ! ތިމާގެ ދަރިފުޅުގެ ޙާލު ސީރިޔަސް ކަން އެނގޭ ޙާލު އެމްބިއުލާންސަށް ދެގަޑި، ތިންގަޑި އިރު އިންތިޒާރު ކުރުމަކީ ގެއްލުންހުރި، މޮޔަކަމެކެވެ! ހިތާމަވެރި ޢާއިލާއަށް ﷲގެ ޙަޟްރަތުން ކެތްތެރިކަން މިންވަރު ކުރައްވަވައި، ޢާއްމުޙާލަތަށް ރުޖޫޢަ ކުރައްވާށި! އާމީން