މާލެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވަޑާންގެ ފަދަ ތަންތަން މާލޭގެ ސިނާއީ އަވަށަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ސާވޭއެއް ފަށައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަޑާންގެ އަދި ގާއަޅާ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ސަރުކާރަށް އެންގުމަށް އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމަށް ސާވޭ އެއް ފަށާފައިވާ ކަމަށެވެ.

މި ބަދަލު ގެނައުމަކީ މުއިއްޒުގެ އިންތިޚާބީ ވައުދެކެވެ. އަދި މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޕްލޭނެކެވެ.

ސިނާއީ އަވަށް ތަރައްގީ ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވި އިރުއެވެ.

 

މުއިއްޒު ވިދާޅުވި ގޮތުގައި، ސިނާއީ އަވަށުގެ މައިގަނޑު ދެ ބޭނުމެއްވެއެވެ. އެއީ ސިނާއީ މަސައްކަތް ކުރާ ތަންތަން އެ ސަރަހައްދެއްގައި ބަހައްޓައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ކުރުމެވެ. އަދި މާލެއިން އިތުރު ހުސް ޖާގަ ހޯދައި ބޯހިޔާވަހިކަމަށާއި ހިތް ފަސޭހަ ކުރުމަށް ބޭނުންވާ ޖާގަތައް ހޯދުމަށެވެ.

މޭޔަރު ކަމުގެ ކެމްޕޭންގައި ވެސް މުއިއްޒު ވަނީ 2،000 އެއްހާ ހައުސިން ޔުނިޓް ގާއިމް ކުރުމުގެ އިތުރަށް އެ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭނެ ރައްޔިތުން ބޭނުންވާނެ ޚިދުމަތްތައް ލިބޭނެ އިމާރާތްތައް ގާއިމް ކުރުމުގެ ޖާގަ އާއި ހިތްފަސޭހަކޮށްލާނެ ޕާކް ފަދަ ތަންތަން ގާއިމް ކުރާނެ ޖާގަ ވެސް މި މަސައްކަތުގެ ތެރެއިން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.