ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތަށް އެހީވުމުގެ ގޮތުން، ކުއްލި ހާލަތްތަކުގައި ބޭނުން ކުރާ މެޑިކަލް ސަޕްލައި އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ފޮނުވާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ކޮވިޑް ފެތުރުން ހުއްޓުވާ މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީއެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަަނަލް ޑިވެލޮޕްމެންޓް (ޔޫއެސް.އެއިޑް) މެދުވެރިކޮށް މެޑިކަލް އެއިޑް ފޮނުވަން ނިންމާފައިވަނީ ރާއްޖެ، ސްރީލަންކާ އަދި ޕާކިސްތާނަށެވެ.

ޔޫއެސް.އެއިޑުން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭނުންވާ މެޑިކަލް އެހީ ފޯރުކޮށްދިނުމަށް ފަށާފައިވާ ހާއްސަ ޕްރޮގްރާމުގެ ދަށުން ސްރީލަންކާ، ޕާކިސްތާން އަދި ރާއްޖެއަށް ވައިގެ މަގުން އެހީ ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް ފޮނުވާ އެހީގެ ތެރޭގައި 600 ޕަލްސް އޮކްސިމީޓަރު އަދި 292،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ ކިޓް) ހިމެނެއެވެ. ކޮވިޑާއި ދެކޮޅަށް ރާއްޖެެއިން ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން މީގެ ކުރިން ވެސްް 9.1 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެގައުމުން ބުނެއެެވެ. އަދި 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވާނެ ކަމަށް ބުނެއެވެ.

ޕާކިސްތާނަށް ދޭ އެހީގެ ގޮތުގައި 1،200 ޕަލްސް އޮކްސިމީޓަރާއި 340،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ ކިޓް) ހިމެނެއެވެ. އެމެރިކާ އާއި ޕާކިސްތާނުން ގުޅިގެން ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު، މި މެޑިކަލް އެހީ އަކީ ޕާކިސްތާން ސަރުކާރުން އެދިގެން ފޮނުވާ އެހީއެއް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީގެ ކުރިން ވެސް ޕާކިސްތާނުން ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީވުމުގެ ގޮތުން އެމެރިކާ ސަރުކާރުން ވަނީ 40 މިލިއަން ޑޮލަރު ދީފައެވެ. އަދި 200 ވެންޓިލޭޓަރު ވެސް ހަދިޔާ ކޮށްފައިވެއެވެ.

ޔޫއެސް.އެއިޑް މެދުވެރިކޮށް ފޮނުވާ އެހީގެ ގޮތުގައި ސްރީލަންކާއަށް ދޭން ނިންމާފައިވަނީ 880،000 ޕީޕީއީ ކިޓާއި، 1،200 ޕަލްސް އޮކްސިމީޓަރެެވެ. މީގެ ކުރިން ވެސް އެމެރިކާ ސަރުކާރުން 11.3 މިލިއަން ޑޮލަރުގެ އެހީ ލަންކާއަށް ދީފައިވެއެވެ. އޭގެ ތެރޭގައި 200 ވެންޓިލޭޓަރު ހިމެނެއެވެ.

އަންނަ ހަފްތާގައި ޔޫއެސް.އެއިޑުގެ އިތުރު ޝިޕްމެންޓުތަކެއް ދެކުނު އޭޝިއާގެ ގައުމުތަކަށް ފޮނުވާނެ ކަމަށް ބުނެފައިވެއެވެ.