ލޯކަލް ކައުންސިލްތަކުގެ ލަފާ ނެތި އެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރެވޭ އުސޫލަށް ތާއިދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

ވައްޑެ އެހެން ވިދާޅުވީ، މިއަދު ކުރެއްވީ ޓްވީޓެއްގައެވެ.

"އަޅުގަނޑު މި އިސްލާހަށް ތާއީދެއް ނުކުރަން،" އެމްޑީޕީގެ މެންބަރު ވައްޑެ ކުރެއްވި ޓްވީޓްގައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައި އިރު، އެއިން އެއް އިސްލާހަކީ ކައުންސިލްތަކުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި އައްޔަން ކުރެވޭ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާނީ ކައުންސިލްގެ ލަފައާއެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަމެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދު އެ މާއްދާއަށް ހުށަހެޅުއްވި އިސްލާހުުގައި ވަނީ ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލް ކަމުގެ މަގާމަށް މީހަކު އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި ވަނީ އެ މާއްދާއިން އުނިކޮށްފައެވެ. ހަމަ މިގޮތަށް މި އިސްލާހު މެމްބަރު ސައީދު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް ވެސް ހުށަހަޅުއްވައިފައެވެ.

ސައީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެ އިސްލާހުގެ މަގްސަދަކީ ސިޔާސީ ވިސްނުމުން އެއްފަރާތް ކުރެވިގެން ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވެސް ލިބިދެވޭނެ ނިޒާމެއް ގާއިމް ވުމެވެ.

މި އިސްލާހު މި ގޮތަށް ހުށަހެޅިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން މި ގޮތަށް ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ޒިންމާދާރުވެރިޔާއަށް ސަރުކާރުން ބޭނުން ބަޔަކު ލެވޭ ގޮތަށް ހެދުމުން އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.