ޑްރަގް ބޮޑު ނެޓްވޯކެއްގައި އަތް ދަށުވެ، ޕާކިސްތާނުގައި ރަހީނު ކުރެވިފައި ހުރި މިސްބާހު މުހައްމަދު (25އ) ގެ ވިސާ ހަމަވެގެން ޕާކިސްތާނުގައި ހުންނަ ރާއްޖެ އެމްބަސީ އަށް ދިޔަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށެވެ. އެމްބަސީން ވިސާ ކަންކަން ކުރިޔަށްދާނެ ގޮތް ކިޔައިދީފައި ވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވި ގޮތުގައި އެއްވެސް އެހީތެރިކަމަކަށް މިސްބާހު އެދިފައެއް ނުވެއެވެ. އަދި އޭނާގެ ހާލަތު ކިޔައިދީފައި ނުވާއިރު އޭގެ ފަހުން އޭނާގެ ހަބަރެއްވެސް ނުވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ ދުބާއީ މެދުވެރިކޮށެވެ. އޭނާ ދުބާއީ އަށް ފުރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭއެވެ. މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.

އާއިލާ މީހުން ބުނެފައިވާ ގޮތުން މިސްބާހުއާ އެންމެ ފަހުން ބައްދަލުވެފައިވަނީ އޭނާގެ އުފަން ރަށް، ނޮޅިވަރަންފަރު އިން ނޮވެމްބަރު މަހުއެވެ. މިސްބާހު އަކީ ނަފްސާނީ މައްސަލަތަކެއްވެސް ހުންނަ މީހަކަށްވާތިވެ، އޭނާ އަކީ އަމިއްލަ އަށް ދަތުރުފަތުރު ކުރެވޭވަރު މީހެއް ނޫން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    ކޮންމެ ތަނަކަށް ދިއަޔަސް ދިވެހި ރައްޔިތުންގެ ފައިސާއިން ހަރަދު ކޮށްފަ ގެނެސްގެން ނުވާނެ. އޭނަ ބޭސް ފަރުވާޔައް ނުވަތަ ޒަރޫރީ އެހެން ބޭނުމެއްގަ ޕާކިސްތާނަ ގޮސްގެން އުޅޭ އެއްޗެއް ނޫން އެއީ.

  2. ޢައިމިނަ

    މިކޮންމެހެންބޮޑުހަރަދުކ9ށްގެން ގެންނަންޖެހޭ އެއްޗެއްނޫން