މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ލިބޭނެ ކަން ރަސްމިީކޮށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ސަބަބުން ސައުދީން ވަނީ މިއަހަރުގެ ހައްޖުގައި ބައިވެރި ވެވޭނީ 60،000 މީހުން ކަމަށް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ސައުދީގެ 15،000 މީހުންނާއި އިންޑިއާގެ 5،000 މީހުން ހިމެނެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދޭތޯ "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަފްރާހު ވިދާޅުވީ، ވަކި ގޮތަކަށް އަދި އެބޭފުޅުން ނިންމާފައި ނުވާ ކަމަށެވެ.

އެގޮތަށް ނިންމާފައި އަދިނެތީ ރާއްޖެއިން ހައްޖަށް ދިއުމަށް ކޯޓާ ލިބޭކަން ރަސްމީ އެއްވެސް ފަރާތަކުން އަންގާފައި ނުވާތީ ކަމަށް އަފްރާހު ވިދާޅުވިއެވެ.

"ކޯޓާ ލިބުނީމަ މިކޮޅުން ވަކި ގޮތެއް ނިންމާނީ" އަފްރާހު ވިދާޅުވިއެވެ.

ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާކަން ނުވަތަ ނޫންކަން އަދި ސާފުނުވި ނަމަވެސް، ސައުދީން ނިންމާފައިވަނީ އެހެން ގައުމުތަކުން ހައްޖުގައި ބައިވެރިވެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި ހައްޖުގެ އަޅުކަމުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ފިޔަވަޅުތަކެއް އެކުލަވާލައިފައި ވާއިރު، އަޅުކަމުގައި މަސްއޫލުވެ އުޅޭއިރު، ހައްޖުވެރިންގެ ދެމެދުގައި ދެ މީޓަރުގެ ދުރުމިނެއް ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި މިއާއެކު މަސްޖިދުލް އަލް ހަރަމްގެ ކާޕެޓުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑާ ގުޅިގެން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެތައްބަޔަކަށް ގެއްލިފައިވާކަން ފާހަގަ ކޮށްލެވެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ހިމެނޭހެން 2.5 މިލިއަން މީހުން 2019 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢއއ

    ރާއްޖެއިން ބަޔަކު ހޮއްޖައްފޮނުވާކަންނޫޅެއެވެ. ކޯޓާ ހޯދާކަށްވެސްނޫޅެއެވެ. ޢެކި އެޕްތައް މެދުވެތިކޮށް ފައިސާދެއްކޭ ގޮތައް އޮތްކަން އަންގަނީ . ޢިންޑިއާއަށް ކޯޓާދޭއިރު ރާއްޖެއަށް ކީއްވެކޯޓާނުލިބެނީ.