"ފަތިސް ކޮފީ"ގެ ނަމުގައި ނ. ހެނބަދޫ "ކެފޭ ސިކްސް ޒީރޯ" އިން ހިލޭ ކޮފީ ދޭން ފަށައިފިއެވެ.

ކެފޭގެ ވެރިޔާ އިބްރާހިމް ރަމީޒް، 36، ބުނީ އެ ކެފޭއިން ހިލޭ ކޮފީ ދެމުން ގެންދަނީ އިރުއެރުމުގެ ކުރިން ފަތިސް ނަމާދު ކުރާ މީހުންނަށް ކަމަށެވެ. "ފަތިސް ކޮފީ މިއީ އާންމުން ފަތިސް ނަމާދަށް އަހުލުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމެއް. ހާއްސަކޮށް ޒުވާނުން" ޕްރޮގްރާމުގެ މަގްސަދު ކިޔައިދެމުން ރަމީޒު ބުންޏެވެ.

ފަތިސް ނަމާދަށް ފަހު ހެނދުނު އިރުއެރުމުގެ ކުރިން ހިލޭ ކޮފީ ލިބޭ މި ޕްރޮގްރާމު ހިންގާތާ ހަފްތާއެއް ވެފައިވާއިރު، މިކަމުގައި ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަން އިބްރާހިމް ރަމީޒް ފާހަގަ ކުރިއެވެ. "ވަރަށް ވަރަށް ތަރުހީބު ލިބޭ. މީގެ ކުރިން އެންމެ މޭޒެއްގައި ހަމީހުން ވަރު ތިބެނީ، މިހާރު ކެފޭގެ ތިރީގައި ހުންނަ ހަތަރު މޭޒު ފުރިގެން ކެފޭގެ މައްޗަށް ވެސް އެގަޑިއަށް މީހުން އަރާ ތިބޭ" ރަމީޒް ބުންޏެވެ.

'ކެފޭ ސިކްސް ޒީރޯ' ތެރެއިން

ކެފޭގެ މެނޭޖަރ އަހުމަދް ހަސަން ބުނީ ޒުވާނުން ނަމާދަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ފަތިސް ކޮފީ ޕްރޮގްރާމުގައި ކޮންމެ ދުވަހަކުވެސް ނަސޭހަތެއް ދޭކަމަށާއި، ކޮފީގައި އެންމެން ގުޅިގެން ރަށުގައި މިވަގުތު ކުރިމަތިވެފައިވާ ދަތި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި "ފަތިސް ކޮފީ"ގައި ރިސޯޓުގައި މަސައްކަތް ކުރާ މީހުންވެސް ޒޫމް މީޓިންގް ނުވަތަ ވީޑިއޯ ކޯލް މެދުވެރިކޮށް ދަނީ ބައިވެރިވަމުންނެވެ.

އަހުމަދް ހަސަން ބުނީ ފަތިސް ކޮފީގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށް ވެސް އެބައޮތް ކަމަށެވެ. އަދި ކޮފީ ބޯންދާ އަންހެނުންނަށް ވަކިން ޖާގައެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ބުންޏެވެ.

ތަފާތު ވައްތަރުތަކުގެ ކޮފީގެ އިތުރުން ކޮފީ ނުބޯ ފަރާތްތަކަށް ލެމަންޓީ ބުއިމުގެ ފުރުސަތު ވެސް "ފަތިސް ކޮފީ" ޕްރޮގްރާމުގެ ތެރެއިން ވަނީ ހުޅުވާލެވިފައެވެ.

'ކެފޭ ސިކްސް ޒީރޯ' ބޭރުން ނަގާފައިވާ ފޮޓޯއެއް

"ކެފޭ ސިކްސް ޒީރޯ"އިން ކުރިޔަށް ގެންދާ ފަތިސް ކޮފީ ޕްރޮގްރާމަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު މިކަމުގައި ރަށު ކައުންސިލުގެ އެއްބާރުލުން ވެސް ލިބޭ ކަމަށް އަހުމަދް ހަސަން ފާހަގަ ކުރިއެވެ.

ރަމީޒަކީ މީގެ ކުރިންވެސް މީހުންނަށް ހިލޭ ކޮފީ ދިން މީހެކެވެ. ރަމީޒް ބުނީ ކުޑަ ހަޓެއް ހަދައިގެން އެތަނަށް އަންނަ ކޮންމެ މީހަކަށް ވެސް ހިލޭ ކޮފީ ލިބޭނެ އިންތިޒާމް 11 އަހަރުވަންދެން ހަމަޖައްސާފައިވާކަމަށެވެ. އޭނާގެ ކެފޭއަކީ ހެނބަދޫގައި ހުންނަ ހަމައެކަނި ކެފޭއެވެ. ރަމީޒް ބުނީ ކެފޭ ހުޅުވީ ރަށުން ބޭރުން އަންނަ މީހުންނަށް ދަތިތަކެއް ހުރުމުންނާއި އެކު ރަށުގެ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކޮފީ އާއި އެކު ހެދިކާ ލިބޭނެ އިންތިޒާމެއް ރަސްމީކޮށް ހަމަޖެއްސުމުގެ ވިސްނުމުގައި ކަމަށެވެ.

ރަމީޒަކީ އަބަދުވެސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހެކެވެ. އެގޮތުން އޭނާ ވަނީ ނ. މިލަދޫ މޮނިޓަރިންގްއަށް ލައިފައި ވަނިކޮށް ކާޑުގެ ބާވަތްތަށް ވެސް ހިލޭ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޭމްސް

    އައްމަޑޭ އެއްކަލަ ޓްރޭނިންއިން ރަނގަޅު އެއްޗެއް ދަސްކުރީދޯ.. އެ ސެޓްފިކެޓްއަަކީ ވަރަށް ވަރުގަދަ އެއްޗެއް.. ޖޭމްސް އެކަޑެމީން ތިކުރާ މަސައްކަތަށް ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ލިބޭނެ.

  2. Anonymous

    މާޝާﷲ..... ވިޔަފާރީގައި ބަރަކާތް ލައްވާށި....
    އާމީން....