ލޯކަލް ކައުންސިލްތަކުގެ ލަފާ ނުހޯދާ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަބަދުވެސް ކައުންސިލްތަކުގެ ލަފާ ހޯދައިގެން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުން ކަމަށެވެ.

"މިހާރު މަޝްވަރާ ކުރެވެމުންދާ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެއް ނޫން،" މަބްރޫކް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ހުށަހަޅާފައިވަނީ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދެވެ. އެނގިފައިވާ ގޮތުގައި މިއީ ސައީދު އަމިއްލަ އިސްނެންގެވުމަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލް ފާސްކުރަން ތާއީދު ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވިދާޅުވެފައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައި އިރު، އެއިން އެއް އިސްލާހަކީ ކައުންސިލްތަކުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި އައްޔަން ކުރެވޭ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާނީ ކައުންސިލްގެ ލަފައާއެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަމެވެ.

ސައީދު އެ މާއްދާއަށް ހުށަހެޅުއްވި އިސްލާހުުގައި ވަނީ ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލް ކަމުގެ މަގާމަށް މީހަކު އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި ވަނީ އެ މާއްދާއިން އުނިކޮށްފައެވެ.

ހަމަ މި ގޮތަށް މި އިސްލާހު މެންބަރު ސައީދު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް ވެސް ހުށަހަޅުއްވައިފައެވެ.

އެ ބިލުގައިވާ ގޮތުން އޭގެ މަގްސަދަކީ ސިޔާސީ ވިސްނުމުން އެއްފަރާތް ކުރެވިގެން ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވެސް ލިބިދެވޭނެ ނިޒާމެއް ގާއިމް ވުމެވެ.

މި އިސްލާހު މި ގޮތަށް ހުށަހެޅިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން މި ގޮތަށް ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ޒިންމާދާރުވެރިޔާއަށް ސަރުކާރުން ބޭނުން ބަޔަކު ލެވޭ ގޮތަށް ހެދުމުން އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަޓޯ

  ޔާމިނު ސަރުކާރުގަ ފެން ޖަނަރޭޓަރު ގޮވީމަ މަބްރޫކު އެތަނަށް ގޮސް ހަޅޭއްލެވީމަ އިބުރޭ ހީކުރީ މިއީ ވަރަށް ގަދަ ގޮލައެއް ކަމާ... މިހާރު ވިސްނޭނެ މަބުރޫކަކީވެސް ދޮޅުރޯނާއެއް ކަން..

 2. ހޯރާގޯރީ

  ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވެފަވާއިރު ކައުންސިލްތަކަށް އެސް.ޖީ އެއްބެހެއްޓުމަކީ ބޭކާރުކަމެއް. ރައްޔިތުން ހޮވި ކައުންސިލަރުންނަށް ބޮޑު އުދަގުލަކަށްވާނީ. ތިޔައީ ލާމަރުކަޒީ ގާނޫނު އިތުރަށް ހަރާބުވެގެންދާނެކަމެއް. އަދި ދައުލަތުގެ ބަޖެޓުން އަހަރަކު 50 މިލިޔަން ޚަރަދުވެ ކޮރަޕްޝަނަށް ހުޅުވޭނެ ބޮޑުދޮރެއް.

 3. ޙހހ

  ޢެއީ ގޯހެއް ގިނަކައުންސިލްތަކުގައި ތިބީ ކޮހުން. ޢެއްވެސްވޯޓެއްނެތި ރައްޔިތުންގެ ތާއީދެއްނެތި އައިސްތިބިމީހުން....

 4. މޫސަ

  ސަރުކާރުގެ ވިސްނު މަކީ ފިލާއޮވެ ޙަޒާނާކާހުސްކުރުން . ދެންތިކަހަލަ ދެތިން އަނގަ ބޭރެތެރަށް ނެރެ ފޮނި ފޮނުއެރުވުން!!!!!

 5. ގަލަން ތުނޑު

  މީ ބޮޑު ބޮޑު ބޭކާރު ބޭކާރު ބޭކާރު ބޭކާރު ބޭކާރު ބޭކާރު ކަމެއް ހެޔޮނުވާޏެ ޒިންމާދާރު ވެރިޔާ ހުއްޓާ މިކަން ނުކުރޭ ބޭކާރު ޚަރަދު