ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓް އާއްމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާއިރު އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާއެއް ނުލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރޭ ސަން ޓީވީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޕާޓީތަކުން ޝަކުވާ ހުށައަޅާފައި ނުވާ ކަމަށެވެ.

"ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތު ކުރުކަމުގެ ޝަކުވާ ޕާޓީތަކުން ކޮށްފައިވޭ. މީގެ ކުރިންވެސް ރިޔާސީ އިންތިހާބު ތަކުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައިވަނީ 10 ދުވަސް" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެކަމަށެވެ. ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަން ވޯޓާސް ލިސްޓުގައި އޮތުމުގެ ޝަކުވާއާއި 18 އަހަރު ނުފުރޭ ކުދިންގެ ނަން ވޯޓާސް ލިސްޓްގައި ހިމެނިފައި ވުމުގެ ޝަކުވާ ހުށައެޅިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާ އިރު އިދިކޮޅު އެމްޑީޕީ އިން ބުނީ އިންތިހާބާއި ގުޅޭގޮތުން އެޕާޓީގެ ގިނަ ސަކުވާތަކެއް އިލެކްޝަން ކޮމިޝަން އަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ ވޯޓާސް ލިސްޓު އާއްމު ކުރި އިރު ލިސްޓުގައި ތިބި މީހުންގެ އައިޑީ ކާޑު ނަންބަރުތައް އާއްމުކޮށްފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ. އެ މައްސަލަ ފާހަގަ ކުރުމުން އެކަމާ އިތުރަށް މަޝްވަރާ ކުރާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށާއި އަދި އައިޑީ ކާޑު ނަންބަރު އާއްމު ނުކުރީ އެއީ ޒާތީ މައުލޫމާތަށް ވާތީ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށެވެ.

އެމްޑީޕީގެ ކެންޕެއިން މެނެޖާރ އަސްލަމު ވިދާޅުވީ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ އިލެކްޝަނުން ކަމަށާއި އެ ކޮމިޝަނުން ހާމަ ކުރި ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުން މުހިއްމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލަކުރި

    ޝަކުވާ ނުލިބޭތާނގައި ކެންޑިޑޭޓަކު ހުރިކަމަކަށްވެސް ނުވޭ. އިދިކޮޅު ހުރިހާ މީހުން ރައްޔިތުން މޮޔަ ހައްދާލާފައި ޔާމީނަށް ފުރުޞަތު ލިބޭނެހާ ގޮތަށް ހަބޭސް އަރުވާލާފައި މަސައްކަތް ކުރިއަށް ގެންދަތަން މިހެރަ ފެންނަނީ

  2. ޙަބޭސް

    އެމްޑީޕީ މީހުންކަށް ނުއެގޭތަ މިހާތަނަށް އިންތިޚާބެއްގައި ޢާއްމުކުރި އެއްވެސް ލިސްޓެއްގައި އައިޑީ ކާޑު ނަމްބަރ ހިމަނާފައި ނުވާކަމެއް އެެއަކީ ކުރެވޭނެ ކަމެއްވެސް އެކަން ކުރުމަކީވެސް ޤާނޫނީ ކުށެއް އެއީ ފަރުދުނގެ ޒާތީ މަޢުލޫމާތެއް