ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ބުދަ ދުވަހު މޮބަލައިޒް ކޮށްފައިވާ ކަމަށާއި އެ މަޝްރޫއަކީ ޖުމްލަ 8.94 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 55 ދުވަހުގެ ތެރޭގައި ކަމަށެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މާލޭ ރައްޔިތުންނަށް އެތަނުން 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް އަޅާށެވެ. އެހެން ނަމަވެސް މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރައީސް ސޯލިހް ވަނީ ގުޅިފަޅުގެ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ސިޓީ ކައުންސިލްގެ ލަފާ ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.