އައްޑޫސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް ތިން މީހަކު ފައްސިވެފައިވަނީ ހިތަދޫންނާއި ހުޅުދޫންނެވެ. އެގޮތުން ހުޅުދޫން ދެ މީހަކު ފައްސިވެފައިވާ ކަމަށް އެސެންޓުން ބުންޏެވެ.

މިއާއި އެކީ އެސިޓިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 305 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 121 މީހެކެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން 81 މީހުން، މަރަދޫން ހަތް މީހަކު، މަރަދޫ ފޭދޫން ދެ މީހަކު، ފޭދޫން ދެ މީހަކު، ހުޅުދޫން 26 މީހަކާއި މީދޫއިން އެކަކެވެ.

އައްޑޫއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 37 މީހަކު ބަލިން ރަނގަޅުވެ، އެ އަދަދު މިހާރު ވަނީ 182 އަށް އަރާފައެވެ. އައްޑޫން މި ބަލި ޖެހިގެން ނިޔާވެފައިވަނީ ދެމީހެކެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް ފެންނަމުން އަންނާތީ ސަރުކާރުން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގައި ކާފިއު އިއުލާނު ކުރުމަށް ނިންމާފައެވެ. މިވަގުތު ވެސް 70 އަށްވުރެ ގިނަ ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މިހާތަނަށް 65،868 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 41،779 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މި ވަގުތު އެކްޓިވްކޮށް 23،909 މީހަކު ތިބިއިރު، އޭގެ ތެރެއިން 197 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ 173 މީހެކެވެ.