މިއަދު ރާއްޖެ އިން އިތުރު 648 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 349 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 270 މީހުން، ރިސޯޓްތަކުން 13 މީހުން، އަދި ހަދަމުންދާ ރިސޯޓްތަކުން 16 މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ މެއި މަހުގެ 06 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ނަމަވެސް މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަދު ދުވަހެވެ. މިއަދު ޓެސްޓް ކޮށްފައި ވަނީ 3832 މީހުންނެވެ. މިއަދަކީ މެއި މަހުގެ 19 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %17 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދަށް ބަލާއިރު މެއި މަހުގެ 30 ވަނަ ދުވަހަށް ފަހު ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 22375 އަށް މަދުވެފައެވެ. މިއީ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 22 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައެވެ. މިހާރު 213 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައީ 197 މީހުންނަށެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން އައިނަމަވެސް ވަކިތަރުތީބެއް ނެތި ސުންކު ނެގުން ހުއްޓާލާފައި އޮތުމުންނާއި، ކޮވިޑަށް ފައްސިވާ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފިޔަވައި އެހެން މީހުންނަކީ ގާތުން އެއްތާވި މީހުން ކަމަށް ނުބަލާތީ މިހާރު މާލޭގެ ހާލަތު އޮތް ގޮތް ނޭނގޭ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.