އަންގާރަ ދުވަހު ނިޔާވި އުމުރުން ދިހަ އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ލަސްވި ސަބަބާއި، އެކަމުގައި އިހުމާލުވި މީހުން ދެނެގަންނަން ހެލްތު މިނިސްޓްރީން އެކުލަވާލާ ރިޕޯޓް ބުރާސްފަތި ދުވަހު އާއްމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު ކެރަފާ އަހްމަދު ނަސީމް ވައުދުވި ނަމަވެސް ރިޕޯޓްގެ އެއްވެސް ޚަބަރެއް ނުލިބި ބުރާސްފަތި ދުވަސް ނިމިއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ ރޭ ރިޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އަދި ބުރާސްފަތި ދުވަހު ހެނދުނު އޭނާ ވިދާޅުވީ ރިޕޯޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި ރިޕޯޓާއި ގުޅޭ މައުލޫމާތު ހާމަކުރަން ބުރާސްފަތި ދުވަހު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއް މިއަދާއި މިރޭ ވެސް ބާއްވާފައެއް ނުވެއެވެ. އާއްމު އުސޫލުން އެޗްއޯސީ އިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ވެސް މިއަދު ނުބާއްވައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޕޯޓް ނިމިފައިވާ ކަމަށް މިނިސްޓަރު މީޑިއާގައި ވިދާޅުވި ނަމަވެސް އަދި ރިޕޯޓް ނިމިފައެއް ނުވެއެވެ. ރިޕޯޓް ނިމެން ދެތިން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޝްކާގެ ހާލު ކުއްލިއަކަށް ސީރިއަސް ވުމުން އެމްބިއުލަންސެއް ފޮނުވައި ދިނުމަށް އެދުނުތާ ދެގަޑިއިރާއި ބައިވިއިރު ވެސް އެމްބިއުލަންސެއް ފޮނުވާފައެއް ނުވެއެވެ. އެމްބިއުލަންސެއް ލިބިގެން މިޝްކާ ހޮސްޕިޓަލަށް ގެންދެވުނުތާ އިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.

މިޝްކާ ނިޔާވުމުގައި އިހުމާލު އެބައޮތް ކަމަށް މިނިސްޓަރ ނަސީމް ވަނީ އިއުތިރާފު ވެފައެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އިހުމާލުވި މިންވަރަކާއި އިހުމާލުވީ ކޮންބައެއްކަން އެނގޭނީ ރިޕޯޓް ނިމުމުންނެވެ.

މިޝްކާގެ މަރާއި ގުޅިގެން ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ މިޝްކާގެ މަރާއި ގުޅިގެން އޭނާ އިސްތިއުފާ ދޭން ޖެހޭތޯ ކުރެވޭ ސުވާލަށް ޖަވާބު ދެއްވާނީ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ހައްވަ

  އިސްތިއުފާ ދޭން ޖެހިދާނެތީ ބިރުންވެސް ތިޔަ ރިޕޯޓެއް ނުނެރެވޭނެ.

  26
  1
  • ނަސީމު

   އައްޗި މަނޫޅެން ބިރަކުން މިނެރެނީ.

   2
   9
  • ޞާރި

   މާދަން މާދަން ތިހަ މަ އިންޓަނެޓްއަށް ވީހެން ވާނީ ... ފުރިހަ މަ ރިޕޯޓް 2024 އޮކްޓޯބާރަށް ...

  • އުނިއިތު

   އުނިއިތުރު ނުގެނެސް ކިހިނެތްތޯ ނެރޭނީ. އެކަމަށް ވަގުތު ބޭނުންވާނެ. އެހެންނޫނީ ދަރުބާރުގޭގައި އުޅުނު ކުދިން ބުނިގޮތަށް އެވާހަކަތައް އާންމުވީމާ އޮރިޔާން ނޫންތޯ ވާނީ.

 2. Anonymous

  އިބިލީހު ކާވެންޏަކީ ދިވެހިން ދަންނަ ކަމެއް.
  މިސަރުކާރާ ވގުޅުން ބޮޑުވާނެ. ފްރެސް ބާއްވަން އުޅޭއިރުވެސް އެނގެއެއްނުދެން...

  23
 3. Anonymous

  ކުރިއަށްވުރެވެސް ގޯހެއްނުމިވީ. އާއްމުކޮށް ބާއްވާ ބައްދުލުވުންވެސް ނުބާއްވައި ފިއްލެވީ.

  22
 4. އުގުރި

  ތީ އޭނަޔާ ޖެހުނު އަނެކަކު..

  13
 5. ތޫނުފިލި

  ކޮވިޑް ގުޅޭ ކަންކަމުގައި ހެލްތް މިނިސްޓަރ މިހާރުވަނީ އިހުމާލު ވެފައެވެ. ޣާފިލު ވެފައެވެ.

  24
 6. ސާބިތު

  ހެލްތް މިނިސްޓަރ އިސްތިއުފާއެއް ނުވާނެއެވެ. އެހެންވީމާ އޭނާ މަގާމުން ޢަޒުލު ކުރަން ދައުލަތުގެ ބާރު ތަކަށް މިހާރު ލާޒިމު ވެއްޖެއެވެ.

  21
  1
 7. ވަހީދު

  ހިދުކޮޅުގައި ހުރެ އެއްްޗަކަށްވާނީ. އަނެއް ރައީސަށް އެންމެ ރަގަޅަށް އެގޭނީ. އޭނަ ބުނެގެން ލީ މީހެއްވިއްޔަ

  17
  1
 8. އިތުރު މިތުރު

  މިޤައުމުގެ ރައްޔިތުންގެ މައްޗަށް ސަނހަރޯވެރި ވާނަމަ މިހާރު ތިހިރަ ހެލްތް މިނިސްޓަރ އެމަޤާމުން ވަކި ކުރަން ޖެހިއްޖެއެވެ. އޭނާ އެފަދަ ކަމަކަށް ކުފޫ ހަމައެއް ނުވެއެވެ.

  19
  1
 9. ކާފަބޭ2020

  އަޅުގަނޑު ކުރިންވެސްދެންނެވިން ތިޔަކަންނިމިގެންދާނީ ޖޯޖްކޯބިންގެ މައްސަލަނިމުނުގޮތަށޭ މިވަނީއެހެންނޫންތޯ؟ ކުށްވެރިވާނީ އެމްބިއުލާންޗުގެފުރޮޅުތަކެވެ. އެޗެންޑާ19 އަކީ 19 ދިވެހީންގެލޭގެރަމްޒެވެ. މިފެނިގެންދަނީއެހަގީގަތެވެ.

 10. ނަސްރު

  ކޮބާ ކޮވިޑު ތެރޭ ފަރުވާ ނުދެވި. އެޗްޕީއޭގެ ހުއްދަ ނުލިބި ގެން ދަތުރު ނުކުރެވި ގެން މަރުވިހާ މާބަނޑު މީހުން ނާ ދަރިންގެ ހައްގު. ؟؟؟ މިހާރު އަހަރުވީ. މަބުރޫކް ބުނީ ބަލަނީޔޯ. ކޮބާ އިންސާފު؟؟؟؟

 11. ހށ

  ""ވަގުތު" އަށް މައުލޫމާތު ދިން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޕޯޓް ނިމިފައިވާ ކަމަށް މިނިސްޓަރު މީޑިއާގައި ވިދާޅުވި ނަމަވެސް އަދި ރިޕޯޓް ނިމިފައެއް ނުވެއެވެ. ރިޕޯޓް ނިމެން ދެތިން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ."

  މި އޮފިޝަލް މި ބުނަނީ މިނިސްޓަރު ދޮގުހެދީއޭ