ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އައި އަންހެން ކުއްޖާ އޮތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 16 އަހަރުގެ ކުއްޖަކު ގެއްލިގެން ރޭ 10:24 ގައި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ކަމުގެ މައުލޫމާތު ލިބުނުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އަނބުރަައިގަނެގެން ކަމަށެވެ. ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.