ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯނުތަކެއް ހޯދައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާއި މޮބައިލް ފޯނުތަކެއް ހޯދީ ރޭ ލިބުނު މައުލޫމާތުތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ތަކެތި ހުރީ ޖަލަށް ވެއްދުމަށްޓަކައި"ޕޮޓް"ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަކެތި ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ކޮމިޝަނަ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މީގެކުރިން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ޖަލުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ފޯނުތަކާއި މަސްތުވާތަކެއްޗާއި ސިމް ކާޑާއި ޗާޖަރު ފަދަ ތަކެތި ހޯދާފައިވެއެވެ. މިފަދަ އޮޕަރޭޝަންތައް ދޭތެރެ ދޭތެރެ އިން އަންނަނީ ހިންގަމުންނެވެ.