މާހައުލީ ނިޒާމުތައް އިޔާދަކުރުމަށް ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެެއް ކަމަށާއި އެ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތްކުރެވިދާނެ ކަަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް މާދަމާ ފާހަގަކުރާއިރު، އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެށީގެ މުހިއްމު ކަމާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ކަަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝީއާރަކީ މާހައުލީ ނިޒާމުތައް އިއާދަކުރުމެވެ.

މިނިސްޓްރީން ވިދާޅުވީ، މާހައުލީ ނިޒާމު އިއާދަކުރުމަކީ ހަލާކުވެފައިވާ އަދި ހަލާކުވަމުންދާ ދިރޭތަކެތީގެ މާހައުލުތައް އެ ހާލަތުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި، އަދި މީގެ އިތުރުންވެސް ގެއްލުމެއް ލިބިފައި ނުވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ބެލެހެއްޓުން ކަމަށެވެ.

އައްޑޫ ނޭޗަރ ޕާކް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓްރީން ވިދާޅުވީ، މާހައުލީ ނިޒާމުތަމަކަށް ދިރުން ގެނެސްދިނުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތުން ގަސް އިންދުމާއި، މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި، ސާފުކޮށް، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބެލެހެއްޓުމާއި ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި އެންމެންނަށްވެސް ބާރުއެޅުންފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައިވެސް ކުރެވޭނެ ކަންކަަން ކަމަށެވެ.

"ގަސްގަހާގެއްސަކީ އޭގެ ސަބަބުން ވައި ސާފުވެ، ނަފްސާނީ ދުޅަހެޔޮކަންވެސް އިންސާނުންނަށް ލިއްބައިދޭ އެއްޗެކެވެ. މިކަމުންވެސް ޤުދުރަތީ މާހައުލުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ދޭހަވޭ، ރާއްޖެއަކީ ރީތި ގޮނޑުދޮށްތަކާއި މޫދު ވަށައިގެންވާ އަދި މުއްސަނދެ ފަރުގެ މާހައުލުތަކާއި ކަނޑުއަޑީގެ ބަގީޗާ ތައް ހިމެނޭ ތަނަކަށް ވީހިނދު އެމާހައުލުތައް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް. އަޅުގަނޑުމެންނަށް އެ ޒިންމާ ރަނގަޅަށް އަދާނުކުރެވޭނަމަ އިޔާދަނުކުރެވޭނެ ފަދަ ގެއްލުންތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ". މިނިސްޓްރީން ވިދާޅުވިއެވެ.

އައްޑޫ ނޭޗަރ ޕާކް ތެރޭގައިވާ ކެނޯ ދުއްވާ ސަރަހައްދު (ބެދި) -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ މިނިސްޓްރީން ގުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ޤުދުރަތީ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މުހައްމަދު ޒާހިރު (މޒ) ވިދާޅުވީ، ކޮވިޑް ބަލީގެ ސަބަބުން ދުނިޔެ މިއޮތް ހާލަތަށް ބަލާއިރުވެސް 'މާހައުލީ ނިޒާމުތައް އިޔާދަކުރުން' މި ޝިއާރާއި ގުޅުވާލެވޭނެ ކަމަށާއި، ނެތި ގޮސްފައިވާ އަދި ނެތެމުންދާ ދިރޭތަކެތި އިޔާދަކުރުމާއި މިކަހަލަ ވަރަށް ގިނަ ކަންތައްތައް ކުރިއަށްއޮތް ތަނުގައި ކުރަންޖެހޭނެ ކަމަށެވެ.

އަދި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ވެލާ ކަހަނބު ފަދަ ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކޮށްފައިވަނީވެސް އެ ބޭނުމުގައިކަމަށާއި މީގެ ކުރިން 'ރިޓަރން އޮފް ދަ ފްލަވަރސް' ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެގޮތުން ނެތެމުންދާ ގަސްގަހާގެހި ފާހަގަކޮށް އެގަސްތައް އާލާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ފޮނި ނަތީޖާއަކީ މިއަދު ރާއްޖޭގައި އެފަދަ ގަސްގަހާގެހި ގިނަ އަދަދަކަށް ފެންނަން ހުރުން ކަމުގައިވެސް ޒާހިރު ވިދާޅުވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ވަރަށް މުހިއްމު ކަންތައްތަކެއް މިނިސްޓްރީން ކުރަމުންދާނެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސދަސަ

    އެޒިއްމާގެދަށުން އައްޑޫ ހޮސްޕިޓަލް ކައިރީ ގްރީންޒޯން ހަދައި ހިތްގައިމުކަން ގެނެސްދޭން ބޭއްވި ހުސްޖާގަ ކެރެކްޓަރ ތަފާތުމީހުންގެ ދަރިންނަށް ގޯތިދީ ހުސްކޮށްލައިފި. ޢެއް އާއިލާއަކަށް ބިންދިނީ އިއުލާންކުރުމެއްނެތި. ފެހިކުރުންވެސް އެމީހުންނަށްޓަކައި ގްރްބާންކުރީ.
    މިމައްސަލަޔަކީ އަހަރުމެން ބަލަންބޭނުންވާ މައްސަލައެއް

  2. ތިބާ ވެށި ކަލޭގެ

    މާހައުލީ ނިޒާމުގައި ހުންނަ އެއްޗެހި ނެތެމުން ގެތެމުން ވެށެމުންދާއިރު، ނެތިފައި ގެށިފައި ވެށިފައި ހުންނަ އެއްޗެހި ހުންނާނެ. ހުންނަންވެސްވާނެ. ފަނާނުވާނަމަ ގުދުރަތުގެ ޤާނޫނާ ޚިލާފު ކަމަކަށްވާނެ.