އައްޑޫ ސިޓީގައި ކޮވިޑް-19 ގެ ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތަ މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވިދާޅުވީ، މެއި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް 14،050 (ވެކްސިންޖެހޭ އާބާދީގެ 91 ޕަސެންޓް) މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި އަދި ދެވަނަ ޑޯޒު 7938 މީހުން (ވެކްސިންޖެހޭ އާބާދީގެ 50 ޕަސެންޓް) ޖަހާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން 12،517 މީހުން ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިން ކަމަށް އޭއީއެޗުން ވިދާޅުވެފައި ވެއެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު 7099 މީހުން ޖަހާފައިވާއިރު، ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު 1533 މީހުން ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒު 839 މީހުން ޖަހާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން އައްޑޫގައި ވެކްސިން ޖެހުމަށް މިހާރު ޖެހެނީ 7379951 ނަމްބަރަށް ނަމާއި، އައިޑީ ނަމްބަރު، އެޑްރެސް، އުމުރު، ކިތައްވަނަ ޑޯޒުކަން އަދި ގުޅޭނެ ނަމްބަރު ވައިބާ ކުރަންށެވެ. އަދި ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކުން ވެކްސިން ޖެހި ތާރީހު ވެސް މެސެޖުގައި ހިމަނަން ޖެހެއެވެ.
ރާއްޖެއިން މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ އަދަދަށް ބަލާއިރު، އިއްޔެ އާއި ހަމައަށް 310،834 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޮޒު ޖަހާފައިވާއެވެ. އަދި 170،105 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.