ރާއްޖެ އިން އިތުރު 432 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 249 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 154 މީހުންނެވެ. ރިސޯޓްތަކުން މިއަދު 29 މީހުން ފައްސިވިއެވެ.

މިއަދު 4056 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. އެހެންކަމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ ތެރެއިން %11 މީހުންނެވެ. މިއަދަކީ ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ވެސް މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 21032 މީހުންނެވެ. މިއަދަކީ މެއި މަހުގެ 20 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ މިއަދު މަދެއް ނުވެއެވެ. އިއްޔެ ވެސް އަދި މިއަދު ވެސް 213 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން މިހާރު މިއަންނަނީ މިމަހުގެ 09 ވަނަ ދުވަހާއި ހަމައަށް ހަރުކަށި ފިޔަވަޅުތަކެއް މާލޭ ސަރަހައްދުގައި އަޅާފައި ވުމުން ކަމަށް ބެލެވެއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް މިއަދު ވެސް ކޮވިޑް ޖެހިގެން ތިން މީހަކު ވަނީ ރާއްޖެ އިން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބީރުމީހާ

    ރަގަޅު އަދަދުތައް ކޮވިޑް ޖެހިގެން ކިތައް މީހުން ގޭގައި ޓެސްޓްނުކޮއް ތިބިކަން އެގޭތަ އެތައް އާއިލާއެއް އެޗްޕީއޭއަށް ނާންގާ އެބަތިބި

  2. ނާރު

    މާދަމާ 100 އަށްވުރެ ދަށަށް އަލްޙަމްދުﷲ ޝުކުރުހުރީ ﷲއަށް އަދަދުތައް މަދުވުމުން އުފާވެރިކަން ރައްޔިތުންނަށް

  3. ާަައަލީ

    ދެން ލޮކްޑައުން މި މަހު 7 ވަނަ ދުވަހު އުވާލާނީޔެއް ނޫން ރަނގަޅަބަލާފަ މަޑުމަޑުން ދޫކުރާނީ ..ނޫނީ ވަނީ ފޫނެފަޔައް ފެންފުރުން ފަދަކަމަކަ..ނުކިޔަ ވާ މީހަކު ވެރި ކަމުގަ ހުޜީމަ ހަމަބުނެލީ.ވ ސަލާމް

    5
    2