ކޮވިޑް-19 ޖެހިގެން އަށް ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ފަސް މީހުން ނިޔާވެއްޖެއެވެ.

އެންމެ ފަހުން ކޮވިޑްގައި މީހަކު ނިޔާވީ މިއަދު ހެނދުނު 07:17 ގައެވެ. އެއީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން އައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ. މިއީ ރޭ 11 ޖެހި ފަހުން ރާއްޖެ އިން ކޮވިޑްގައި ނިޔާވި ފަސް ވަނަ މީހާއެވެ.

ރޭ 23:34 ގައި 72 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑްގައި ނިޔާވިއެވެ. އަދި 00:42 ގައި 64 އަހަރުގެ ދިވެހި އަންހެނަކު 00:52 ގައި 79 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑްގައި ނިޔާވިއެވެ. މިތިން މީހުން ވެސް ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

ހަތަރު ވަނަ އަށް ނިޔާވީ އުމުރުން 28 އަހަރުގެ އަންހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އޭނާ ނިޔާވީ ފަތިހު 04:19 ގައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 182 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެޗްޕީއޭ އިން ވިދާޅުވާ ގޮތުގައި ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ނިޔާވާ މީހުންގެ އަދަދު ނިސްބަތުން އިތުރުވަމުންނެއް ނުދެއެވެ.

ކޮވިޑް ޖެހިގެން ގިނަ ބަޔަކު ނިޔާވާ އެއްސަބަބަކީ ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑްގެ އާވޭރިއަންޓް ކަމަށްވުން އެކަށީގެންވާ ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ސަރުކާރުން އެހެން ނުބުނެއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮވިޑްގެ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ޓެސްޓްތައް ހަދަން ސުންކު ރާއްޖެ އިން ބޭރަށް ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އޭގެ ނަތީޖާ ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްސީ

    ޤައުމުގަ ބަލި ކޮންޓްރޯލް ވެފަ ވަނިކޮން ފަތުރާލީ ސަރުކާރުން، ވޯޓަށް ޤައުމު ހުޅުވާލި، ސޮކޫލްތަށް ހުޅުވާލި. ޖާހިލުން ޒިންމާދަރު ވެރިންނަށް ލީމަ މިހެންވާނީ

    10
  2. ޟ

    އިންޑިއާ އިން މީހުން ގެނެވިއްޖެ އެއްނު. 1 މަސް ވީ މިތާ އުޅޭ ވޭރިއަންޓު ނޭނގުނު. ކުޑަކު ދިން މަރުވަނީ. ނާގާބިލް ސަރުކާރު މިހާރު ފެއިލް ވެއްޖެ.އިސްތިއުފާ!!

  3. ހ މ ޒ

    ސްތިއުފާ