މަޝްހޫރު ވިޔަފާރިވެރިޔާ އޮނަރަބަލް ޤާސިމް އިބްރާހިމް އިސްވެ ހުންނަވާ ހިންގަމުންދާ ޖުމްހޫރީ ޕާޓީއަކީ ޒުވާނުންގެ އެންމެ މަޤްބޫލު ޕާޓީއަށް ހަދާނެކަމަށް އެ ޕާޓީގެ މުވާސަލާތީ ކޮމިޓީގެ ކައުންސިލް މެމްބަރު އަލީ ޝާހިދު (ސްޓެޕް އައްޔަ) ވިދާޅުވެއްޖެއެވެ. އަލީ ޝާހިދު މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ.

"ﷲ އިރާދަފުޅާއެކު އެންމެ ގިނަ ޒުވާނުންގެ ފެވަރިޓް ޕާޓީއަކީ ޖުމްހޫރީ ޕާޓީއަށް ހަދާނަން." އަލީ ޝާހިދު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

އަލީ ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީގެ ޒުވާނުން މަގުމަތިވިޔަ ނުދޭނެ ކަމަށާއި، ހަމަހަމަ ފުރުޞަތު ހޯދައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން މިހާރު ކުރަމުންދަނީ މިމަހުގެ 22 އަދި 23 ގައި ބާއްވާ ޖޭޕީގެ ކޮންގްރެސް އަށް ތައްޔާރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ ޒުވާނުންގެ އެންމެ މަޤްބޫލު ޕާޓީއަށް ހަދާނެކަމަށް އަލީ ޝާޙިދު ވިދާޅުވިއިރު އޭނާ ގެންދަވަނީ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާނެކަން އިއުލާނު ކޮށްފައިވާ އުމަރު ނަސީރަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ. އެގޮތުން އުމަރު ނަސީރަށް ތާއީދެއް ނެތް ކަމަށާއި، އުމަރު މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ޖަރީމާތަކެއް ހިންގާފައިވާކަމަށްވެސް އަލީ ޝާހިދު ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ބޭސްފަރުވާއާއި އާއިލީ ބައްދަލުވުންތައް ނުދޭ މައްސަލައިގައި އޭނާ ގެންދަނީ ފާޅުގައި ވަކާލާތު ކުރައްވަމުންނެވެ. އަލީ ޝާހިދު (ސްޓެޕް އައްޔަ) މިވަގުތު ޖުމްހޫރީ ޕާޓީން ފެނުނު ނަމަވެސް އޭނާއަކީ އަޙްމަދު އަދީބުގެ ދިފާއުގައި ވަކާލާތު ކުރަމުންދާ ޒުވާނެއްކަން ފާހަގަކޮށްލެވެއެވެ.

ޒުވާނުންގެ މަޤްބޫލުކަން ހޯދުމަށް ޖުމްހޫރީ ޕާޓީން އަމާޒު ހިފާފައިވާއިރު މަޝްހޫރު ފިލްމީ ތަރި އަޙްމަދު ޒިޔާ މިމަހުގެ 17 ވަނަ ދުވަހު އެ ޕާޓީއަށް ސޮއި ކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީންވެސް ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރާ ކެންޑިޑޭޓް އިއުލާނު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖްވާ

    ޒުވާނަކު ވައިވެސް އެޅޭނެ ޕާޓީ އެއް ނޫން ތީކީ! ކޮންމެވެސް ލާރި ގަނޑެއް ދެނިކޮށް އެކަމު ހިނގައިދާނެ އިނގޭ ބަޔަކު ސޮއި ކުރަން!

  2. ރަށްދު

    ލާރިދިން ވަރަކަށް ދާއީދު ކުރާނަން ޚަރަދު ކުރަން ކެރުނު ވަރަކަށް އެއްވުންތަކުގަ ބައިވެރި ވާނަން އެކަމަކު ވޯޓަކުން އެކަމެއް ނުދައްކާނެ ކުރީގަ އޮންނާނީ އެމްޑީޕީ އާއި ޕީޕީއެމް

  3. ނުކުޅެވޭނެ

    މިވެސް ސިޔާސީ މާހިރެއްތޫ؟ ބޯހަލާކު މިނޫންމީހަކުވެސް ނުލިބުނީތަ؟